ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒީނާޒް
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒީނާޒް

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސެކްރެޓަރީި ޖެނެރަލްއަކަށް ޒީނާޒް އަދުނާން ހަމަޖައްސައިފި އެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޕާޓީ އިދާރީ ގޮތުން ހިންގުމުގެ މަގާމާ ޒީނާޒް ހަމަޖެއްސީ މިއަދު ކަމަށެވެ.

ޕީޕީއެމްގެ ސެނެޓްގައި ހިމެނިވަޑައިގަންނަވާ ޒީނާޒް މިދިޔަ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ޕްރައިމަރީގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި އެވެ. ނަމަވެސް އޭނާއަށް ޕްރައިމަރީ ނާކާމިޔާބުވީ އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން، ޒީނާޒް ވަނީ، ތައުލީމީ ދާއިރާ އަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފަ އެވެ. ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމް ވެސް އޭނާ ފުރުއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕީއެންސީގައި މިވަގުތު 27،704 މެމްބަރުން އެބަތިއްބެވެ. ޕީއެންސީ އާ ކޯލިޝަން ހަދާފައިވާ ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 35،044 އެވެ. ދެ ޕާޓީ އެއްކޮށްލުމުން އެއީ 62،748 މެމްބަރުންނެވެ.