24 މެއި 2024 - 22:53

އދ. ގެ ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ފުރާވަޑައިގެންފި އެވެ.

ކޮންމެ 10 އަހަރަކުން ބާއްވާ އެ ކޮންފަރެންސް އަކީ އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 30 ނިޔަލަށް، ކެރީބިއަންގެ ގައުމެއް ކަމަށްވާ އެންޓިގޫއާ އެންޑް ބާބޫޑާގައި ކުރިއަށް ގެންދާ ހަތަރު ދުވަހުގެ އިވެންޓެކެވެ.

ބާބުޑާގައި މި މަހު 27 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަމިޓްގެ ޕްލިނަރީ ސެޝަންގައި ރާއްޖޭގެ ގައުމީ ބަޔާން ރައީސް މުއިއްޒު އިއްވަވާނެ އެވެ.
އަދި ރާއްޖޭން މޫސުމީ ބަދަލުތަކާ ގުޅިގެން ތަހަންމަލުކުރަމުންދާ ކަންކަމާއި އެކަންކަމުން އަރައިގަތުމަށްޓަކައި ކޮށްދޭން އެދޭ ކަންކަމަށް އަލިއަޅުވާލައްވައި އެމަނިކުފާނު ޖުމްލަ ހަތް ސްޓޭޓްމަންޓެއް ދެއްވާނެ އެވެ.
އެ ކޮންފަރެންސްގައި ރާއްޖެއިން އިންތިޒާމުކުރާ ތިން ހަވާސާ ބައްދަލުވުން ވެސް ބާއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވާ އެ ކޮންފަރެންސް ބާއްވަނީ އެންޓިގޫއާގެ ވެރިރަށް ސެއިންޓް ޖޯންސްގަ އެވެ.
ރާއްޖޭގެ ފަރާތުން އެ ކޮންފަރެންސް އަށް ވަޑައިގަންނަވާ އިސްވަފުދުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.