ގާޒާގެ ރަފާއަށް ދޭ ހަމަލާތައް ހުއްޓާލަން އައިސީޖޭއިން އިޒްރޭލަށް އަމުރު ކޮށްފި
ގާޒާގެ ރަފާއަށް ދޭ ހަމަލާތައް ހުއްޓާލަން އައިސީޖޭއިން އިޒްރޭލަށް އަމުރު ކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ރަފާއަަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އދ. ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އިޒްރޭލުގެ މައްޗަށް މިއަދު އަމުރުކޮށްފި އެވެ.

ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ގައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމުގެ އިތުރުން ރަފާހްއަށް އިޒްރޭލު ސިފައިން އަރައިގަތުން ހުއްޓުވައިދީ އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ އަމުރަކަށެވެ.

ހަމަލާތައް ހުއްޓުވައިފިނަމަ، ހަމާސްއިން އަލުން ބާރުގަދަކޮށް، އެ ގުރޫޕުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރަން ހުރަސްއެޅޭނެ ކަމަށް ބުނެ، އިޒްރޭލުން ވަނީ އެ މައްސަލަ ބޭރުކޮށްލަން ކޯޓުގައި އެދިފަ އެވެ.

މިއަދު އަމުރު ނެރުނީ 13 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އަމުރު ނެރުމާ ދެކޮޅުވީ ދެ ފަނޑިޔާރެކެވެ.

މީގެކުރިން އެ ކޯޓުން ކުރި ހުކުމުގައި އިޒްރޭލުގެ މައްޗަށް އަމުރުކޮށްފައިވަނީ ޣައްޒާގައި ގަތުލުއާންމު ހިންގުން ހުއްޓުވަން ހުރިހާ މަސައްކަތެއް ކުރުމަށެވެ. އެކަމަކު ހަމަލާތައް ހުއްޓައިލަން ސީދާ އަމުރުކޮށްފައެއް ނުވެ އެވެ.

ދެކުނު އެފްރިކާއިން ބުނީ ދޮޅު މިލިނައެއްހާ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިސްރޭލުން އަރައިގަތުމުން، ހަމާސްއާ ހަނގުރާމަކުރުމުގެ ނަމުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

މި މައްސަލައިގައި ދެކުނު އެފްރިކާ އާ އެއްކޮޅަށް ހުކުމް ކުރުމުގެ ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ވެސް ލަފާކުރެއްވި އެވެ.

އެކަމަކު އިޒްރޭލުގެ މައްޗަށް އަމުރެއް ނެރުނަސް، އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އައިސީސީއަކަށް ސީދާ ނޯވެ އެވެ. ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުން ހުއްޓުވަން ވެސް އެ ކޯޓުން ރަޝިއާގެ މައްޗަށް އަމުރެއް ވަނީ ނެރެފަ އެވެ.

ޣައްޒާއަށްދޭ ހަމަލާތައް ހުއްޓުވުމުގެ އަމުރަކަށް އެދިފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް ވެސް އެ ކޯޓުގައި ވަނީ އެދިފަ އެވެ.

އައިސީސީގެ ޕްރޮސެކިޔުޓާ ކަރީމް ޚާން ވިދާޅުވީ ނަތަންޔާހޫގެ އިތުރުން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ ފަލަސްތީނުގައި ހިންގަމުންދާ ބަނޑައްޖެއްސުމާއި، މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން ކަމަށެވެ.

އައިސީސީގެ އެއްވެސް ނިންމުމަކަށް އިޒްރޭލުން ތަބާނުވާނެ ކަމަށް ނަތަންޔާހޫ މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.