އައިސީޖޭގެ ނިންމުމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
އައިސީޖޭގެ ނިންމުމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ހަމަލާދިނުން ވަގުތުން ހުއްޓާލަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީޖޭ) އިން ނެރުނު އަމުރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ގައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމުގެ އިތުރުން ރަފާއަށް އިޒްރޭލު ސިފައިން އަރައިގަތުން ހުއްޓުވައިދީ އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ އަމުރަކަށެވެ.

ރައީސް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިސީޖޭގެ ނިންމުމަށް އިހުތިރާމްކޮށް އިޒްރޭލުން ރަފާއަށް ހަމަލާތައް ދިނުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ރަފާގެ ބޯޑަރު ހުޅުވައި އެހީ ވެއްދޭނެ މަގު ވެސް ފަހިކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމަލާތައް ހުއްޓުވައިފިނަމަ، ހަމާސްއިން އަލުން ބާރުގަދަކޮށް، އެ ގުރޫޕުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރަން ހުރަސްއެޅޭނެ ކަމަށް ބުނެ، އިޒްރޭލުން ވަނީ އެ މައްސަލަ ބޭރުކޮށްލަން ކޯޓުގައި އެދިފަ އެވެ.

މީގެކުރިން އެ ކޯޓުން ކުރި ހުކުމުގައި އިޒްރޭލުގެ މައްޗަށް އަމުރުކޮށްފައިވަނީ ޣައްޒާގައި ގަތުލުއާންމު ހިންގުން ހުއްޓުވަން ހުރިހާ މަސައްކަތެއް ކުރުމަށެވެ. އެކަމަކު ހަމަލާތައް ހުއްޓައިލަން ސީދާ އަމުރުކޮށްފައެއް ނުވެ އެވެ.

ދެކުނު އެފްރިކާއިން ބުނީ ދޮޅު މިލިނައެއްހާ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދަމުން އަންނަ ރަފަހް އަށް އިސްރޭލުން އަރައިގަތުމުން، ހަމާސްއާ ހަނގުރާމަކުރުމުގެ ނަމުގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

އިޒްރޭލުގެ މައްޗަށް އަމުރެއް ނެރުނަސް، އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އައިސީސީއަކަށް ސީދާ ނޯވެ އެވެ. ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުން ހުއްޓުވަން ވެސް އެ ކޯޓުން ރަޝިއާގެ މައްޗަށް އަމުރެއް ވަނީ ނެރެފަ އެވެ.

ގައްޒާއަށްދޭ ހަމަލާތައް ހުއްޓުވުމުގެ އަމުރަކަށް އެދިފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް ވެސް އެ ކޯޓުގައި ވަނީ އެދިފަ އެވެ.