24 މެއި 2024 - 17:25

މާލޭގެ މަގަކަށް ފަލަސްތީނުގެ ނަން ދިނުމަކީ ފެނި ވަޑައިގަންނަވާ ކަމެއް ކަމަށާއި ނަމަވެސް، އެ ނަން ދޭން ވާނީ ބޮޑު މަގަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަކީ ވަރަށް ފެންނަ ކަމެއް ކަމަށާއި އަދި އެ ނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމަށެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް އޮތް ތާއީދު ހާމަކޮށް ދިނުމަށްޓަކައި މާލޭގެ ކޮންމެވެސް މަގަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދިނުމަށް މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
އާޒިމް ވިދާޅުވި ގޮތުގައި އެގޮތަށް ހުށަހެޅުއްވީ މާލޭގައި ނަން ނުކިޔާ އޮތް ދެ ތިން މަގެއް އޮތުމުންނެވެ. އޭގެ ތެރެއިން ކޮންމެވެސް މަގަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދެވިދާނެ ކަމަށް ޖަލްސާގައި އާޒިމް ވިދާޅުވި އެވެ.
ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ގިނަ މެމްބަރުން އާޒިމް އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި އެވެ. ނަމަވެސް އެ ނަން ދޭނީ ކޮން މަގަކަށް ކަން އަދި އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.