22 ފެބުރުއަރީ 2017 - 06:12

އަކްޝޭ ކުމާރުގެ "ޖޮލީ އެލްއެލްބީ2" ރިލީޒްކުރިތާ ދެ ވަނަ ހަފުތާ ކުރިޔަށް ދާއިރު އާދިއްތަ ދުވަހުގެ ނިޔަލަށް 95.44 ކްރޯޑު (9.5 ބިލިއަން ރުޕީސް) ވަނީ ލިބިފަ އެވެ. އަދި ހޯމަ ދުވަހުގެ ނިޔަލަށް 100 ކްރޯޑު (10 ބިލިއަން) ލިބޭނެ ކަމަށް މިހާރު ބެލެވެ އެވެ.
މި ފިލްމުގެ ކާމިޔާބީއާ އެކު ޖެހިޖެހިގެން ކާމިޔާބުވި، އަކްޝޭގެ ފިލްމުތަކުގެ އަދަދު ފަހަކަށް އެރީ އެވެ.
އަކްޝޭގެ ފިލްމުތަކުގެ ކާމިޔާބީގެ ސިލްސިލާ ފެށިފައިވަނީ 2015 ގައި ނުކުތް "ސިންގް އިޒް ބްލިންގް" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 89.95 ކްރޯޑު (8.9 ބިލިއަން ރުޕީސް) ލިބި ސުޕަހިޓް ފިލްމެއްގެ ދަރަޖަ ލިބުނެވެ. އޭގެ ފަހުން 2016 ގައި ނުކުތް ތިން ފިލްމު ވެސް ޖެހިޖެހިގެން ކާމިޔާބުވި އެވެ. އެ އަހަރު ރިލީޒްކުރި އަކްޝޭގެ ފުރަތަމަ ފިލްމަކީ "އެއާ ލިފްޓް" އެވެ. އެ ފިލްމަށް 128.1 ކްރޯޑު (12.8 ބިލިއަން ރުޕީސް) ލިބުނެވެ. ދެ ވަނަ އަށް ރިލީޒްވީ "ހައުސްފުލް 3" އެވެ. އެ ފިލްމު ވަނީ 109.14 ކްރޯޑު (10.9 ބިލިއަން ރުޕީސް) ހޯދާފަ އެވެ. ތިން ވަނަ އަށް ރިލީޒްކުރި "ރުސްތުމް" 127.59 ކްރޯޑު (12.7 ބިލިއަން ރުޕީސް) ހޯދި އެވެ.
އަދި 100 ކްރޯޑު ހޯދި ފިލްމުތަކުގެ ލިސްޓަށް "ޖޮލީ އެލް އެލްބީ 2"އިތުރުވާނެކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވިޓެއްގައި، މި ފިލްމު 100 ކްރޯޑު ހޯދުމާ ގާތަށް ގޮސްފައިވާ ކަމަށާއި މިހާތަނަށް 95.44 ކްރޯޑު ލިބިފައިވާ ކަމަށް ބުންޏެވެ.
ދެން އެންމެ އަވަހަށް ރިލީޒްވާނެ އަކްޝޭގެ ފިލްމުތަކަކީ "ޓޮއިލެޓް އޭކް ޕްރޭމް ކަތާ" އާއި "ކްރެކް" އެވެ.