23 މެއި 2024 - 23:02

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފި އެވެ.
ޓެކްސް އިދާރާގެ އިސްވެރިއަކަށް ޒަރީރު ހަމަޖެއްސެވިކަމުގެ ފަތްކޮޅު ހަވާލުކުރައްވާފައިވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ މަގާމަށް ޒަރީރުގެ އިތުރުން ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު މުހައްމަދުގެ ނަން ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކޮށްފައިވަނީ ބީއެމްއެލްގެ ޗެއާޕާސަންކަން ފާއިތުވި ދެ މަސް ދުވަހު ފުރުއްވި ކުރީގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ޒަރީރުގެ ނަމެވެ.
ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ފައިނޭންސް ޑިރެކްޓަރު އަދި ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރުގެ މަގާމުގަ އެވެ.
އޭނާ ވަނީ މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުގެ ފެލޯ ޗާޓާޑް މެނޭޖްމަންޓް އެކައުންޓަންޓާއި އޮސްޓްރޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓްގެ ކޮލިފިކޭޝަން ވެސް ހާސިލްކުރައްވާފައިވެ އެވެ.