23 މެއި 2024 - 17:58

މާލޭގެ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް އޮތް ތާއީދު ހާމަކޮށް ދިނުމަށްޓަކައި މާލޭގެ ކޮންމެވެސް މަގަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދިނުމަށް ކައުންސިލްގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
އާޒިމް ވިދާޅުވި ގޮތުގައި އެގޮތަށް ހުށަހެޅުއްވީ މާލޭގައި ނަން ނުކިޔާ އޮތް ދެ ތިން މަގެއް އޮތުމުންނެވެ. އޭގެ ތެރެއިން ކޮންމެވެސް މަގަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދެވިދާނެ ކަމަށް ޖަލްސާގައި އާޒިމް ވިދާޅުވި އެވެ.
""ފަލަސްތީން ހިނގުން ނަމަވެސް ނަމެއް ދޭން ކިހިނެއްތޯ." މިއަދު ޖަލްސާގައި އާޒިމް ވިދާޅުވި އެވެ،
މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ގިނަ މެމްބަރުން އާޒިމް އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި އެވެ.
ނަމަވެސް އެ ނަން ދޭނީ ކޮން މަގަކަށް ކަން އަދި އޭގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.