23 މެއި 2024 - 14:48

ރ. އުނގޫފާރު މަގުމަތީގައި ކުޅެން އުޅުނު ދެ ކުއްޖަކު ކަރަންޓުގައި ޖެހި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް "މިހާރު" އަށް ވިދާޅުވީ އެ ދެ ކުދިން އެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރު ފަހު 1:40 ހާއިރު ކަމަށެވެ. އަދި އިތުރު ކުއްޖަކު ވެސް ހާދިސާ ހިނގި ސަރަހައްދުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގީ އެ ކުދިން މަގުމަތީގައި ކުޅެން އުޅެނިކޮށް ކަމަށެވެ.
"ޕާކު ސަރަހައްދުގެ މަގުމަތީގައި ކުޅެން އުޅުނު ދެ ކުއްޖަކު ކަރަންޓުގައި ޖެހިފައި ވަނީ، މަގު ބައްތީގެ ހޮޅިން ކަރަންޓުގައި ޖެހުނީ. ވިއްސާރަވެގެން ބައްތިން ކަރަންޓު އައިސްފައި ހުރީ އެ ސަރަހައްދުގައި އޮތް ފެންގަނޑަށް،" އޭނާ ވިދާޅުވި އެވެ.
ކަރަންޓުގައި ޖެހިގެން ފަރުވާދެމުން އަންނަނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ދެކުދިންގެ ހާލު ވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެ ސަރަހައްދުން ގެންދިޔަ ތިންވަނަ ކުއްޖަކީ އެ ދެކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނި ހޭނެތުނު ކުއްޖެކެވެ. އެއީ 18 އަހަރު ކުއްޖެކެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު "މިހާރު" އަށް ބުނީ ކަރަންޓުގައި ޖެހުނު އެއް ކުއްޖަކީ ފުރަތަމަ ކަރަންޓުގައި ޖެހުނު ކުއްޖާ ސަލަމާތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ކުއްޖެއް ކަމަށެވެ.
"ވާރޭވެހިގެން މަގުމަތީގައި ހެދިފައި އޮތް ފެންގަނޑެއްގެ ތެރޭގައި އެތަނުގައި ހުރި ހޮޅި ބައްތިއެއްގެ ބުރިވެފައި އޮތް ނަރެއް އޮތީ. އެހެންވެ އެ ނަރުން ފެންގަނޑަކަށް ކަރަންޓު އައިސްފައި ހުރީ،" އޭނާ ބުންޏެވެ.