ޝިފާއު ވަކިކޮށްފި، މަގާމު ދެވުނީ މައުލޫމާތު ލިބިފައި ނެތުމުން: ހީނާ
ޝިފާއު ވަކިކޮށްފި، މަގާމު ދެވުނީ މައުލޫމާތު ލިބިފައި ނެތުމުން: ހީނާ

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލާގައި ދައުވާ ކޮށްފައިވާ ހުސެއިން ޝިފާއު، ސަރުކާރުގައި އަދާކުރަމުން ދިޔަ މަގާމުން ވަކިކޮށްފި އެވެ.

އޭނާ މި ސަރުކާރުގައި އައްޔަންކުރީ އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް، މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، ޝިފާއު އެ މަގާމަށް ހަމަޖެއްސިއިރު، އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތުތައް ހުރީ ނުލިބި ކަމަށެވެ. އެ ދައުވާތަކުގެ ތަފްސީލް ލިބުމާ އެކު އޭނާ މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.

ސިޔާސީ މަގާމްތަކަށް އައްޔަންކުރާ މީހުންގެ ބެކްގްރައުންޑް ރައީސް އޮފީހުން ބަލަ އެވެ. މި ކޭސް މިގޮތަށް ދިމާވުމުން އިތުރަށް އެކަން ހަރުދަނާކޮށް ތަކުރާރު ނުވާނެ ގޮތަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ހީނާ ދެއްވި އެވެ.

"ސިޔާސީ މަގާމްތަކަށް އައްޔަންކުރާ ބޭފުޅުންގެ ކަންކަން މިހާރަށް ވުރެ ހަރުދަނާކޮށް ކުރިއަށް އޮތް ތަނުގައި ބަލާނެ،" ހީނާ ވިދާޅުވި އެވެ.

"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާ އެކު ހިންގި މުއާމަލާތްތަކުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ އޭނާ މިދިޔަ އޭޕްރިލް 28، 2023 ގައި ހައްޔަރު ކުރި އެވެ.

ނަމަވެސް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ޖެހިގެން އައި މަހު އޭނާ ދޫކޮށްލި އެވެ. އެ މައްސަލަ އިސްތިއުނާފް އިސްތިއުނާފް ކުރިއިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ.

އެ މައްސަލާގައި ފުލުހުންގެ އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުމުން ޝިފާއު އަމިއްލަ އަށް ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ޝަރުތުތަކާއެކު ވަނީ ދޫކޮށްލައިފަ އެވެ.

ޝިފާއު ސިޔާސީ މަގާމަކަށް އައްޔަން ކޮށްފައިވާ އިރު ޕީޖީ އޮފީހުން ބުނި ގޮތުގައި އޭނާގެ މައްޗަށް ހުށަހެޅި އެއްވެސް މައްސަލައެއް އަނބުރާ ގެނެސްފައެއް ނެތެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުނު ގޮތަށް ކޯޓުގައި އެބައޮތް ކަމަށާއި މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށް އެ އޮފީހުން ބުންޏެވެ.