23 މެއި 2024 - 09:59

ކޮމިޝަނަރާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ހަސަން ޒަރީރު، އޭނާ މިހާރު ހުންނެވި ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ބީއެމްއެލް އިން ބުނީ، ބީއެމްއެލްގައި ޒަރީރު ދެއްކެވި ހަރުދަނާ ލީޑަޝިޕަށާއި ދެއްވި އަގުހުރި ލަފަޔާއި އިރުޝާދަށް ޝުކުރު ދަންނަވާ ކަމަށާއި ކުރިމަގުގައި ކާމިޔާބަށް އެދޭ ކަމަށެވެ.
ޒަރީރު ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައި ވަނީ މާޗް 25، 2024 ގަ އެވެ.
ބޭންކުގެ ހިންގާ ގަވައިދުގައިވާ ގޮތުން ބޭންކުގެ ބޯޑު އެކުލެވިގެން ވަނީ ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން މެންބަރުންނާ އެކު ޖުމްލަ 11 މެންބަރުންގެ މައްޗަށެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގެ ބޯޑުގައި ތިއްބެވީ ޖުމްލަ ނުވަ ޑައިރެކްޓަރުން ކަމަށެވެ. އެއީ ސަރުކާރުން އައްޔަން ކުރައްވާ ދެ މެންބަރުންގެ މަގާމު ހުސްވުމާއި ގުޅިގެންނެވެ. ބޭންކުގެ އަމާޒަކީ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް އަންނަ ޖުލައި މަހު ތެރޭގައި ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމަށެވެ.