23 މެއި 2024 - 10:33

ބްރެޒިލްގައި 16 އަހަރުގެ ފިރިހެން ކުއްޖެއްގެ ފޯނު އަތުލުމުން ރުޅިގަދަވެ، މަންމަ، ބައްޕަ އަދި އަންހެން ކޮއްކޮ ބަޑިޖަހައި މަރާލައިފި އެވެ.
ބްރެޒިލްގެ ސައޮ ޕާލޯގައި މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހެވެ. އެކަމަކު ފުލުހުންނަށް މި ކަން އެނގުނީ، މިދިޔަ ހޯމަ ދުވަހު އެއް ކުއްޖާ އަމިއްލައަށް ފުލުހުންނަށް ގުޅައި ރިޕޯޓުކުރުމުންނެވެ.
އެ ތަގުގީގުގައި އިސްކޮށް އުޅުއްވާ ރޮބާޓޯ އަފޮންސޯ މީޑިއާތަކަށް ވިދާޅުވި ގޮތުގައި، އެ ކުއްޖާގެ މައިންބަފައިން ކުއްޖާގެ ފޯނު އަތުލުމުން އޭނާ ވަރަށް ރުޅިގަދަވި ކަމަށެވެ.
އަދި އޭނާގެ ފުލުސް ބައްޕަގެ ބަޑި އަތުލައި، ފަހަތުން ބުރަކައްޓަށް ބަޑިޖަހައި ފުރަތަމަ މަރާލީ ބައްޕަކަމަށް އެ ކުއްޖާއާ ހަވާލާދީ އަފޮންސޯ ވިދާޅުވި އެވެ.
ދެން ކޮއްކޮގެ ކޮޓަރިއަށް ގޮސް، ކޮއްކޮ މަރާލުމަށްފަހު، މަންމަ ގެއަށް އައުމުން މަންމަ ގަޔަށް ބަޑިޖަހައި މަރާލި ކަމަށް ފުލުހުން ބުންޏެވެ.
އާއިލާއާ މަރާލުމަށްފަހު އެ ކުއްޖާ ވަނީ ތިން ދުވަސް ވަންދެން ގޭގައި އުޅެފަ އެވެ. އެ ތިން ދުވަހުގެ ތެރޭގައި އޭނާ ޖިމަށް ގޮސް، ބޭކަރީއަކުން ކާއެއްޗެހި ވެސް ގަތް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ހޮނިހިރު ދުވަހާ ހަމައަށް ވެސް އެ ކުއްޖާގެ ރުޅިގަނޑު މައިތިރި ނުވެގެން، މަރުވެފައި އޮތް މަންމަގެ ހަށިގަނޑަށް ވަޅިން ވެސް ހަމަލާދީފައިވާ ކަމަށެވެ.
އަފޮންސޯ ވިދާޅުވި ގޮތުގައި މިކަމުގައި އެހެން މީހުން ބައިވެރިވުމެއް އޮތްތޯ އާއި އެ ކުއްޖާގެ ނަފްސާނީ ކަމެއް ހުރިތޯ ވެސް ފުލުހުން ބަލާނެ އެވެ.
އެ ކުއްޖާއަށް 18 އަހަރު ނުފުރޭތީ ބަންދުކޮށްފައި ހުރީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގަ އެވެ.