ފްލެޓް ކޮމިޓީން ބުނަނީ ލިސްޓުގެ މަސައްކަތް އަވަސް ނުވާނެ ކަމަށް
ފްލެޓް ކޮމިޓީން ބުނަނީ ލިސްޓުގެ މަސައްކަތް އަވަސް ނުވާނެ ކަމަށް

ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީ އަށް ލަފާ ދޭން އުފެއްދި ކޮމިޓީގެ މަސައްކަތް އަވަހަކަށް ނުނިމޭނެ ކަމަށް އެ ކޮމިޓީން ބުނެފި އެވެ.

"ބިންވެރިޔާ" އާއި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް ކޮމިޓީއެއް އުފެއްދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ކޮމިޓީގެ ބޭނުމަކީ ރައީސް ވިދާޅުވި ގޮތުގައި ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރުމެވެ.

ނަމަވެސް މިދިޔަ ތިން މަސް ތެރޭގައި އެ ކޮމިޓީން ފްލެޓު ލިސްޓާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ފްލެޓް ކޮމިޓީގެ ޗެއާ އާމިނަތު އީނާސް ވިދާޅުވީ އެ ކޮމިޓީއަކީ މިނިސްޓަރަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމިޓީއަކަށް ވާތީ އެ ކޮމިޓީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު އަމިއްލަ އަށް ހާމަ ނުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ކޮމިޓީން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ލަފާ އަރުވަމުން އަންނަ ކަމަށާއި އެކަމާ ބެހޭ މައުލޫމާތުތައް މިނިސްޓްރީން ހާމަ ކުރާނެ ކަމަށެވެ.

އެ މަސައްކަތަށް ކިހާ ދުވަހެއް ނަގާނެތޯ ސުވާލު ކުރުމުން އީނާސް ވިދާޅުވީ އެއީ ވަރަށް ގިނަ މަސައްކަތްތަކާ ގުޅިފައި އޮތް ކަމަކަށް ވާތީ އެ މަސައްކަތް އަވަހަށް ނިމެނޭ ކަމަށް ނުބެލެވޭ ކަމަށެވެ.

"ސަރުކާރުން ވަކި އުސޫލެއްގެ ދަށުން އަދި ވަކި ޝަރުތުތަކެއްގެ ދަށުން ދޫކޮށްފަ ހުރީ. ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި." އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ފްލެޓް ދޫކުރުން ހުއްޓުވި އެވެ.

ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.