22 މެއި 2024 - 18:31

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް، ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބް ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސް މި ނަންތައް ހުށަހެޅުއްވީ މުލިއާގޭގައި ޕީއެންސީގެ އިންތިހާބީ މަޖިލިސް މެމްބަރުންނާ އެކު މިހާރު ކުރިއަށްދާ ބައްދަލުވުމެއްގަ އެވެ. ރައީސްގެ އެ ހުށަހެޅުއްވުމާ އެއްގޮތަށް އަމަލުކުރުމަށް އިންތިހާބީ މެމްބަރުން ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގެ ތަފްސީލު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ ބައެއް މަގާމުތަކަށް ކަނޑައަޅުއްވަނަ ބޭނުންފުޅުވާ ބޭފުޅުންގެ ލިސްޓެއް ރައީސް ހުށަހެޅުއްވި ކަމަށެވެ.
- ޕީޖީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހު
- ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއު
ޑެޕިއުޓީ ޕީޖީ ލީޑަރުންނަށް:
- ވިލިމާލޭ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއިލް
- މަހިބަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ތޯރިގު
- ހުޅުދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހަންމަދު ޝާހިދު
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި 93 މެމްބަރުން ހުވާ ކުރުން އަންނަ މިމަހު 28 ގައި ބާއްވަން މަޖިލިހުގެ އިދާރާ އިން ވަނީ ނިންމައިފަ އެވެ.
މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކުރިއިރު ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރި ހަ މިނިވަން ކެންޑިޑޭޓަކު ވެސް އިންތިހާބު ކާމިޔާބުކުރެއްވި އެވެ. ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގަ އެވެ. އެހެންވެ ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު 76 އަށް އަރަ އެވެ.
އިދިކޮޅު އެމްޑީޕީ އަށް އާ މަޖިލިހުން ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ. ވާދަވެރި އެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އަކަށް އެއްވެސް ގޮނޑިއެއް ނުލިބެއެވެ.