ގްލޯނެޓް އެޑިއުކޭޝަން ފެއާ މފަށައިފި
ގްލޯނެޓް އެޑިއުކޭޝަން ފެއާ މފަށައިފި

ރާއްޖެ އާއި ބޭރުގެ ޔުނިވާސިޓީތަކާއެކު ގްލޯނެޓް އެޑިއުކޭޝަން ފެއާ މިއަދު ފަށައިފި އެވެ.

ގްލޯނެޓް އެޑިއުކޭޝަން ފެއާ މފަށައިފި
ގްލޯނެޓް އެޑިއުކޭޝަން ފެއާ މފަށައިފި

މާދަމާގެ ނިޔަލަށް އާޓް ގެލެރީގައި ބާއްވާ މި ފެއާގައި މެލޭޝިޔާގެ 11 ޔުނިވާސިޓީއަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބައެއް ޔުނިވާސިޓީތައް ވެސް ހިމެނެ އެވެ.

ގްލޯނެޓުން ބުނީ މިއަދާއި މާދަމާގެ ހަވީރު 5:00 އިން ރޭގަނޑު 11:00 އާ ހަމައަށް ފެއާ އަށް ޒިޔާރަތްކުރެވޭނެ ކަމަށެވެ.

ފެއާ ފެށުމަށް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގްލޯނެޓްގެ ޑިރެކްޓަރު އަބްދުﷲ ނަސީމް އަހުމަދު ވިދާޅުވީ އެ ކުންފުނިން ބާއްވާ ފެއާ އަށް ކޮންމެ އަަހަރަކު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އެގޮތުން މިއަހަރު ފުވައްމުލަކުގައި ވެސް ފެއާ ބާއްވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު ފުވައްމުލަކުގައި ބާއްވާ ގްލޯނެޓް އެޑިއުކޭޝަން ފެއާގައި މެލޭޝިޔާގެ ހަތަރު ޔުނިވާސިޓީއެއް ވެސް ބައިވެރިވާކަން ނަސީމް ފާހަގަކުރެއްވި އެވެ.

"ވަރަށް ރަނގަޅު ފުރުސަތުތަކެއް މި ލިބިގެންދަނީ،" އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ނަސީމް ވިދާޅުވި އެވެ.

މި ދެ ދުވަހުގެ ފެއާގައި، ތަފާތު އެކި ޔުނިވާސިޓީތަކުގެ ކޯސްތަކާ ގުޅޭ މައުލޫމާތު ދީ އެ ކޯސްތަކަށް ކުރިމަތިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ބައެއް ޔުނިވާސިޓީތަކުން ވަނީ، މި ފެއާގެ ތެރެއިން ފޯމް ހުށަހަޅާ ދަރިވަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ވެސް ތައާރަފްކޮށްފަ އެވެ.

މިއީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، 2005 ވަނަ އަހަރުން ފެށިގެން ގްލޯނެޓުން ބާއްވާ ފެއާ އެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ދެ ފެއާ އެ ކުންފުނިން ބާއްވަ އެެވެ. މިއީ މިއަހަރުގެ ތެރޭގައި ގްލޯނެޓުން ބާއްވާ ފުރަތަމަ އެޑިއުކޭޝަން ފެއާ އެވެ.