އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުން ކުޑީ ވަކިކޮށްފި
އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުން ކުޑީ ވަކިކޮށްފި

އެމްއެމްޕީއާރުސީގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފި އެވެ.

އޭނާ އެ މަގާމުން ވަކިކުރިކަން "މިހާރު" އަށް ވަނީ ޔަގީންވެފަ އެވެ. ކުޑީ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގަ އެވެ.

ކުޑީ އެ މަގާމުން ވަކި ކުރެއްވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.

ފާތިމަތު ތައުފީގު އެ މަގާމުން ވަކި ކުރެއްވި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާހު ވަނީ އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި، ކުންފުނި ހިންގަމުން އަންނަ ގޮތާ މެދު ކުޑީ އާއި އެމްއެމްޕީއާރްސީގެ ބޯޑާ ދެމެދު ވަނީ ގިނަ ހަޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. ބައެއް ހަރަކާތްތައް ހިންގުމަށް ހަރަދު ކުރުމުގައި އެ ކުންފުނިން ނިންމާފައިވާ ނިންމުންތަކާ މެދު ބޯޑުގެ ބައެއް މެންބަރުންނާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ނޫރްއައިން އިސްތިއުފާ ދެއްވި އިރު އެ ބޯޑުގައި މަޓީ ތަމްސީލް ކުރައްވާ މެންބަރު ރާފިލް މުހައްމަދު ވެސް މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.