23 މެއި 2024 - 11:38

މާލެ ސަރަހައްދުގައި ވެހިކަލްތައް ޓޯކުރުން ޓްރާންސްޕޯޓް މިނިސްޓްރީން ވަގުތީ ގޮތުން މަޑުޖައްސާލުމާ އެކު ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަ އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ.

މިނިސްޓްރީން ވެހިކަލްތައް ޓޯކުރަން ފެށީ މަގުމަތީގައި ހިނގާ މީހުންނާއި ހާއްސަކޮށް، ބަހާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ވެސް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާތީ އެވެ. މިގޮތަށް ހުރި ވެހިކަލްތައް ޓޯކުރަން ފެށުމުން، ގަވާއިދާ އެއްގޮތަށް ޕާކުކުރުން ގިނަވެ މަގުގެ ދެ ފަރާތުން ވެހިކަލްތައް މަދުވި އެވެ.

އެކަމަކު ޓޯ ކުރުން މަޑުޖައްސާލުމާ އެކު ޕޭވްމަންޓާ އެކު މަގުގެ ދެ ފަރާތުގައި ވެހިކަލް ޕާކުކުރުން އިތުރުވެ ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.

ޕާކުކުރުން މަނާ މަގުތަކާއި ޕޭވްމަންޓް މަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ޕާކުކުރުން އާންމުވުމުން ބައެއް މީހުން ދަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކުރުމުންނެވެ. ލިލީ މަގު، ސަލްޓަން ޕާކް ކުރިމައްޗާއި މެދުޒިޔާރަތް މަގާއި އަމީރު އަހުމަދު މަގުގައި ދަނީ އުނދަގޫވާ ގޮތަށް ވެހިކަލް ޕާކުކުރަމުންނެވެ.
ޕާކުކުރުން މަނާ ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ވެސް ބޮޑެތި ވެހިކަލްތައް ޕާކް ކޮށްފައިވާއިރު، މަގުގައި ދުއްވާ މީހުންނަށް ވެސް އޭގެ ސަބަބުން ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ނެގުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. އެއީ، ޓޯ ކުރަން ބޭނުންކުރާ ވެހިކަލް ހޯދުމާއި ޓޯކުރާނެ ޖާގަ ހޯދުމުގެ ކަންކަން ކުރިއަށްދާތީ ކަމަށް ވިދާޅުވި އެވެ.
"މިވަގުތަށް މެދުކަނޑާލާފައި އޮތީ. އާންމުކޮށް މި ނަގަނީ ހަތަރު ފުރޮޅުލީ ވެހިކަލް، އެ ގެންގޮސް ބަހައްޓާނެ ޖާގަ ނެތީމަ، އެ ކެޕޭސިޓީ ބިލްޑް ކުރެވެންދެން އަޅުގަނޑުމެން މިވަގުތަށް ހުއްޓާލާފައި އެ ވަނީ. މިހާރު އެ މަސައްކަތް ކުރަނީ ޓޯ ކުރުމަށް ބޭނުންވާ ވެހިކަލް ހޯދުމާއި ބަހައްޓާނެ ޖާގަ ހެދުމުގެ މަސައްކަތް. ހަމަ އެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ފަށާނެ،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިވަގުތަށް ވެހިކަލްތައް ޓޯ ކުރުން މަޑުޖައްސާލާފައި އޮތް ނަމަވެސް ޑަބަލް ލައިން ދަމާފައި ހުންނަ ތަންތަނާއި ޕޭވްމެންޓް ތަކުގައި ޕާކް ކުރާ އުޅަނދުތަކުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާގޮތަށް ހުރި ނަމަ ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ވެސް ބުނީ މީހުންނަށް ދަތިވާ ގޮތަށް، ގަވައިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ ވެހިކަލްތައް މިހާރު ވެސް ނަގަމުން އަންނަ ކަމަށެވެ. ވެހިކަލްތަކުގެ މައްސަލައަކީ އާއްމުންގެ ވެސް އެހީއާ އެކު ހައްލުވާން އޮތް ކަމަކަށް ވާތީ، ޖެހުނު ތަނެއްގައި ޕާކުނުކޮށް ގަވާއިދާ އެއްގޮތަށް ވެހިކަލް ޕާކުކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފަސް ސަރަހައްދެއްގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ނަގާނެ އެވެ.
- ގްރީން ޒޯން
- ޕަބްލިކް ޓްރާންސްޕޯޓު ދުއްވާ މަގުތައް
- މަގުތަކާއި ގޯޅިތަކުގެ ކަންމަތި
- ސްކޫލުތައް ހިމެނޭ ސަރަހައްދު
- އޮފީސް އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ތަންތަނާއި މިސްކިތްތަކާއި އާއްމު ގޭބިސީތަކާއި ގަރާޖުތަކަށް ވަދެނުކުމެ ހަދާ މީހުންނަށް ދަތިވާ ގޮތަށް ޕާކްކުރާ އުޅަނދުފަހަރު
މި ސަރުކާރުން ވަނީ ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ނިންމައިފަ އެވެ. ނަމަވެސް، އޭގެ ފަހުން މާލޭގެ މަގުތައް، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގައި ވެސް ޕާކު ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
ޕާކް ކުރުމަށް މާލެ އާއި ހުޅުމާލެ 1 އަދި 2 ގައި ކަނޑައަޅާފައިވާ ޒޯން ނޫން އެހެން ތަނެއްގައި ގަވައިދާ ހިލާފަށް ޕާކް ކުރާނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަ އެވެ.
އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ނ. ގައިވާ ގޮތުން އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެ އެވެ.
އަދި އެ މީހާގެ ހާއްސަ އުޅަނދުތައް ފިޔަވައި އެނޫން އުޅަނދުތައް، އެތަނުން ނަގައި އެހެން ތަނަކަށް ގެންދިއުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.