22 ފެބުރުއަރީ 2017 - 06:11

ކަންގަނާ ރަނާވަތަކީ ބޮލީވުޑްގެ ސިސްޓަމުން މުޅިން ބޭރުގެ ބަތަލާ އެކެވެ. ގިނަ ބަޔަކު ކަންގަނާ ވައްޓާލަން މަސައްކަތް ކުރިކަން އެހީ ހަގީގަތެކެވެ.

ބޮލީވުޑްގެ އެންމެ ބާރުގަދަ ދެ މީހުންނަކީ ކަރަން ޖޯހަރް އާއި އަދިތުޔާ ޗޯޕްރާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ހަމަ ގައިމުވެސް އާދައިގެ މީހުން އަލިގަދަ ތަރިންނަށް ހެދުމާއި ކާމިޔާބު ފިލްމުތައް އުފެއްދުމުގައި މި މީހުންނަށް ވުރެ ކުޅަދާނަ ބަޔަކު ނެތެވެ. މި ދެ މީހުން ފުރަތަމަ ވެސް ބުނީ ކަންގަނާ އަށް އެއްވެސް ވަރެއް ނުވާނެ ކަމަށެވެ.

އަދިތުޔާ ޗޯޕްރާއާ ކަންގަނާ ބައްދަލުވި ފުރަތަމަ ދުވަހު، ކަންގަނާ އަކީ ފިލްމީ ރޮނގުން ކާމިޔާބެއް ހޯދޭ ފެންވަރުގެ މީހެއް ނޫން ކަމަށް އަދިތުޔާ ޗޯޕްރާ ބުނި ކަމަށްވެ އެވެ. ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން އަދިތުޔާ ވަނީ ކަންގަނާ އަށް ދައުވަތު ދީގެން އޭނާގެ އޮފީހަށް ގެންގޮސް މާފަށް އެދިފަ އެވެ.

ކަންގަނާ ފިލްމު ކުޅެން ފެށިތާ ކުރީކޮޅު ކަރަން ޖޯހަރް ވެސް ކަންގަނާއާ ދެކޮޅަށް ވާހަކަ ދައްކައި އޭނަގެ އެއްވެސް ފެންވަރެއް ނެތްކަން މީހުންނަށް ވިސްނައިދޭން މަސައްކަތް ކުރި އެވެ. ބޮމްބޭ ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރެވޭ ވަރުގެ ގާބިލްކަން ކަންގަނާގެ ނެތް ކަމަށް އޭރު ކަރަން ބުނަމުން ދިޔަ އެވެ. ނަމަވެސް ކަރަންގެ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" އަށް ދާދިފަހުން ކަންގަނާ އަށް ދައުވަތު ދީގެން ގެންގޮސް ކަންގަނާއާ ވާހަކަ ދެއްކިއިރު އޭނާއާ ދިމާލަށް އެއްޗެއް ކިޔާފައި ހުރި މީހެއްހެން ހިއެއް ވެސް ނުވެ އެވެ.

ކާމިޔާބީއަކީ މީހުން ތިމާއާ ދޭތެރޭ ކުރިން ދެކެމުން އައި ގޮތް ބަދަލުވެގެންދާ ކަމެއްކަން ކަންގަނާ އަށް ވުރެ ރަނގަޅަށް ތަޖުރިބާ ކުރެވިފައިވާ ބަތަލާއަކު މިހާރު ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ. އަދި ޚުދް ކަންގަނާ އަށް ވެސް އެކަން ޔަގީން ވެ އެވެ. ފިލްމު އިންޑަސްޓްރީގެ މީހުން މިހާރު އޭނާއާ ބައްދަލުކުރާ ގޮތާއި ސަލާންކޮށް ވާހަކަ ދައްކާ ގޮތަށް އައިސްފައިވާ ބަދަލު އޭނާއަށް ވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފަ އެވެ.
މި ޝޯގައި ކަންގަނާ ވަނީ ކަރަން ލަދުގަންނަ ވަރަށް އެ ވާހަކަތައް ގޮވާލައިފަ އެވެ. އަދި ފިލްމު އިންޑަސްޓްރީގައި އެމީހުން ވަކިވަކި ކޭމްޕްހަދައިގެން ވަކިވަކި ތަރިން ޕްރޮމޯޓްކުރަން ކުރާ މަސައްކަތާއި ވަކި ފަރާތަކަށް ޖެހިފައިވާ މިންވަރު ކަންގަނާ މަލާމާތުގެ ރާގަކަށް ކަރަންއާ ދިމާލަށް ބުންޏެވެ.
ކަންގަނާ އަކީ އިންޑިއާގެ ހިމާޗަލް ޕަރްދޭޝްގެ ކުޑަކުޑަ ރަށެއް ކަމަށްވާ ސޫރަޖްޕޫރަށް ނިސްބަތްވާ އެކްޓަރެކެވެ. ފިލްމު އިންޑަސްޓްރީގެ އެއްވެސް މީހަކާ އޭނާއާ އެއްވެސް ގުޅުމެއް ނެތެވެ. އޭނާގެ އާއިލާއިން ބޭނުންވީ ކަންގަނާ ޑޮކްޓަރީކަން ކިޔަވާށެވެ. ނަމަވެސް ފެށުނީއްސުރެ ވެސް އޭނާ އަކީ މިނިވަންކަމާ އެކު އޭނާގެ ހިތް އެދޭ ގޮތަކަށް އުޅެން ބޭނުންވާ މީހެކެވެ. އެހެންވެ އާއިލާއާ ދެކޮޅަށް ދިއްލީ އަށް ގޮސް އަރްވިންދް ގޯރްގެ އަސްމިތާ ތިއޭޓާ ގްރޫޕަށް ވަނެވެ. ސްޓޭޖްގައި ތަމްސީލުކުރަން ވެސް ކަންގަނާ ވަރަށް ކުޅަދާނަ އެވެ. އެހެންވެ ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. އެހެންވެ ބޮމްބޭއަށް ބަދަލުވެ އެއަށް ވުރެ ބޮޑެތި ހުވަފެންތައް ދެކެން ފެށި އެވެ.
ފައިސާނެތި ދަރަނިވެރި ވެގެން، ހުސް ޕާންފޮއްޗެއްގައި އަސާރަކޮޅެއް ޖަހައިގެން ކައިގެން ވެސް ކަންގަނާ އުޅެފައިވެ އެވެ.
ނަމަވެސް "ގޭންގްސްޓާ" ކުޅެން ލިބުނު ހިސާބުން ކަންގަނާގެ ނަސީބު އަތުގައި ހިފި އެވެ. އޭގެ ފަހުން "ފެޝަން" ކުޅެން ލިބުނެވެ. އެ ފިލްމުން ނެޝަނަލް އެވޯޑު ލިބުނެވެ. އަދި "ކުއީން" އާއި "ތަންނޫ ވެޑްސް މަންނޫ" އިން ވެސް ނެޝަނަލް އެވޯޑު ލިބުނެވެ.
ކަންގަނާގެ ހަޔާތުގައި އާއިލާ އާއި ފިލްމު އިންޑަސްޓްރީން ވެސް އޭނާއަށް ކުރިމަތިވި އުނދަގޫތައް ގިނަ އެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ވެސް ތަފާތު ބުރަތަކެއް އޭނާ އުފުލި ދުވަހެކެވެ. ފިލްމު އިންޑަސްޓްރީގެ މީހުން އޭނާ ބަލައެއް ނުގަނެ އެވެ. އާއިލާގެ އެއްވެސް މީހަކު އޭނާއާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ. އެފަދަ ހާލަތުގައި އޭނާގެ އެކަނިވެރިވާނެ ވަރު އޮތީ ވަޒަންކޮށްލުމެވެ. ނަމަވެސް އެއީ އޭނާއަށް ފިލްމީ ރޮނގުން ލިބުނު ކާމިޔާބީތަކުގެ ކުރިންނެވެ.
ކަންގަނާ ބުނި ގޮތުގައި އޭނާ އިންޑަސްޓްރީގައި މަސައްކަތް ހޯދަން އުޅުނު ދުވަސްވަރު މީހުން އޭނާއާ ދޭތެރޭ ކަންތައް ކުރަނީ މަގުމަތީގައި އުޅޭ ކުއްތާއަކާ ދޭތެރޭ ވެސް ކަންތައް ކުރާ ގޮތަށެވެ. އެއްވެސް މީހަކު އެންމެ ކުޑަމިނުން އޭނާއާ ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވެ އެވެ. އަދި އޭނާއާ މެދު ދެކެނީ އެއްވެސް ވަރެއްގެ އަޅާލުމެއް ދޭން ނުޖެހޭ ބޭކާރު މީހެއްގެ ގޮތުގައި ކަމަށް ބުންޏެވެ. އޭރު އޭނާއަކަށް އިނގިރޭސިން ރަނގަޅަށް ވާހަކަ ދައްކާކަށް ވެސް ނޭނގެ އެވެ. އެހެންވެ އެކަމާ ވެސް މީހުން މަލާމާތްކުރި އެވެ.
"އަހަންނަށް މި މަގާމަށް އާދެވުނީ އަމިއްލަ މަސައްކަތުންނޭ މިހާރު މީހުން ބުނީމަ އަހަރެން ގަންނަނީ ބިރު. އަވަހަށް ތަނަކަށް ވަދެ ތަޅުލައިގެން ފިލައި ހުންނަން އަހަރެން ހިތަށް އަރާ،" ފިލްމު އިންޑަސްޓްރީގެ މީހުންނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން 2013 ވަނަ އަހަރު ކަންގަނާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ކަންގަނާ ފިލްމު ކުޅެން ފެށި ފަހުން ވެސް ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ މައިންބަފައިން ވެސް އޭނާއާ ވާހަކަ ނުދައްކާ ތިއްބެވެ. ނަމަވެސް މިއަދު އެމީހުން ތިބި ކަންގަނާގެ ކާމިޔާބީގެ ސަބަބުން އުފާވެފަ އެވެ.
ކަންގަނާގެ އާއިލާގެ މީހުންނާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ އެމީހުން މިހާރު އޭނާއަށް ގުޅާ ކަމަށެވެ. ނަމަވެސް ކުރިން އެމީހުން ކޮބައިތޯ ކަންގަނާ ސުވާލު ކުރި އެވެ. އެހެންވެ މިހާރު އޭނާ ވެސް އެމީހުންނާ އަޅާލަން ބޭނުންނުވާ ކަމަށް ކަންގަނާ ބުންޏެވެ.
"އަހަރެންގެ މައިންބަފައިންގެ ދެ އަންހެންދަރިން ތިބި ކަމަކަށް ވެސް އާއިލާގެ އެއްވެސް މީހަކު އޭރު ގަބޫލުކުރާކަށް ބޭނުމެއް ނުވި. ނަމަވެސް މިހާރު އަހަންނަކީ ކާމިޔާބު މީހަކަށް ވެފައިވާތީ އެމީހުން އަހަންނާ ވާހަކަ ދައްކަން ބޭނުންވޭ،" ކަންގަނާ ބުންޏެވެ.
ކަންގަނާ ބުނި ގޮތުގައި ދުނިޔޭގެ އެންމެން އޭނާއަކީ ފެއިލްވެފައިވާ މީހެއްކަމަށް ނިންމާފައި ވަނިކޮށް އެމީހުންނަށް އޭނާއަކީ ކާމިޔާބު މީހެއްކަން ގަބޫލުކުރުވަން ވަރަށް އުނދަގޫ ވާނެ އެވެ. އަދި އެމީހުންނަށް ކުރެވުނު ހީތަކަކީ ހަގީގަތެއްކަން ދައްކަން އޭނާ ފޭލް ވާތަން ދެކެން އެމީހުން ބޭނުންވާނެ އެވެ.
ކަންގަނާގެ އެކަނިވެރިކަމުން ފައިދާ ނެގި ފިލްމީ ތަރިންގެ ދަރިން ވެސް އެންމެ ފަހު ވަގުތު އޭނާއަށް ދީފައިވަނީ ލަނޑެވެ. ރިތިކް ރޯޝަންއާ ވެސް ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ކަންގަނާ ސާފުބަހުން ބުނަމުން ދިޔަ ނަމަވެސް ރިތިކް އެ ވާހަކަ ދޮގު ކުރެ އެވެ. އަދި ރިތިކްގެ ވާހަކަތަކުން ދޭހަވަނީ ކަންގަނާ އުޅުނީ ރިތިކް އާ މަތިންބައިން ޖެހިގެން ކަމަށެވެ. އޭގެ ކުރިން ކަންގަނާ ރައްޓެހިވީ އެކްޓަރު އަދީޔާން ސުމަންއާ އެވެ. އޭނާވެސް ކަންގަނާ "ސިހުރު" ހަދާ ކަމުގެ އިލްޒާމް އަޅުވާފައި އޭނާއާ ފެޔަށް ދިޔައީ އެވެ. މިހާރުވެސް ކަންގަނާ ބުނާ "ކުރީގެ ލޯބިވެރިން" ތިބީ އޭނާ ވެއްޓޭނެ ދުވަހަކަށް ބަލަބަލަ އެވެ.
ކާމިޔާބު ހޯދުމަށް ކަންގަނާއަކަށް ބޮލީވުޑްގެ އެންމެ ނަން ހިނގާ ތިން ޚާނުންގެ އެހީއެއް ވެސް ބޭނުމެއް ނުވެ އެވެ. އެ މީހުންނާއެކު ފިލްމު ނުކުޅެނީ ކީއްވެތޯ ސުވާލު ކުރުމުން ކަންގަނާ ބުނީ ތިން ޚާނުން ކުރެ އެއްވެސް މީހަކާ އެކު ފިލްމު ކުޅޭ ނަމަ ކުޅޭނީ ޝަރުތެއްގެ މަތިން ކަމަށެވެ. އެއީ އެމީހުންނާ އެއްވަރުގެ އެ ފެންވަރު މޮޅު ރޯލެއް އޭނާއަށް ވެސް ދިނުމެވެ.