22 މެއި 2024 - 10:00

އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން އައިޝާ ނޫރްއައިން ޖަނާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އޮފިޝަލަކު "މިހާރު"އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އެ މަގާމަށް ނޫރްއައިން އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.
މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ޔަގީނެއް ނުވެ އެވެ. މިކަމުގައި އޭނާ އަދި ކޮމެންޓެއް ނުކުރައްވަ އެވެ.
މިދިޔަ ހަފްތާގައި ނޫރްއައިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި ކުންފުނި، ރީސްޓްރަކްޗާކޮށް ރީބްރޭންޑް ކުރުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމަން ބޭނުންވާ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާ ޕްރޮމޯޓް ކުރުމުގައި ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންގެ ހިޔާލާއި މަޝްވަރާގެ ތެރެއިން ކަންކަން ކުރައްވަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް ނިއުޒިލެންޑްގައި އަދާކުރައްވައިފަ އެވެ.
ރާއްޖެއަށް ދިރިއުޅުން ބަދަލު ވުމުގެ ކުރިން އޭނާ ހުންނެވީ އެކައުންޓިން ދާއިރާގައި ދުނިޔޭގައި މަޝްހޫރު "އާނެސްޓް އެންޑް ޔަންގް" ގެ ދަށުން ހިންގާ ކުންފުންޏެއްގެ މެނޭޖަރުގެ މަގާމުގަ އެވެ.