22 މެއި 2024 - 08:50

އާދިއްތަ ދުވަހާ ގުޅޭ
"ހަމަ މިހާރު އިނގޭ!" ފޯނުނެގުމުން ރާއިދު ބުންޏެވެ.
"ކިހިނެއްވީ؟" ނަޖްވާން އެހިއެވެ. "ކީއްކުރަން އަހަރެން އެ ރޫމަށް ތި ފޮނުވަނީ؟"
"އާދެބަލަ!" މަންމަ އަޑުއަހަން އިނުމުން ރާއިދު ވާހަކަދެއްކީ މީޒާންވާ ގޮތަށެވެ. "އަހަރެން އެ ތާނގައޭ މިހިރީ!"
"ރިއަލީ؟ ކޮން އިރަކު ރާއިދު އައީ؟" ނަޖްވާން ދެން ވެސް ކުރީ ސުވާލުތަކެކެވެ. "ކީއްވެ މި ރޫމަށް ވަނުން މަންމައަށް މަނާކުރީ؟ އާނ! މަނާކުރީމައެއްނު މި ތަނަށް މަންމަ ނުވަންނަން އެ އުޅެނީ. މަންމަ ގޮވައިގެން މި ތަނަށް އައިސްބަލަ! އަހަރެން ނުވަންނާނަން ތި ތާކަށް."
ރާއިދު އެއްޗެއް ބުނަން އަނގަހުޅުވައިލި އިރު ނަޖްވާން ފޯނުކަނޑައިލައިފިއެވެ. އެހެނަސް، މައްސަލައަށް ހިހޫފެން އެޅުމުގައި ރާއިދު ދެމިހުއްޓެވެ. ފޯނު ނުބާއްވާކަމަށް ހެދުނެވެ.
"ޓޮއިލެޓްގައޭ؟ ވަރަށް ގިނަ އިރު ވާނެތަ؟ އެހެންތަ؟ ފެންވަރަން ތިހިރީ؟ އާނ އޯކޭ!" ރާއިދު އެހެން ބުނެފައި ފޯނު ޖީބަށްލައިފައި މަންމަޔާ މުހާތިބުކުރިއެވެ. "ނަޖޫ ފެން..."
"މަންމައަށް އަޑުއިވިއްޖޭ!" ފާއިޒާ ބުންޏެވެ. "ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް. ދެން މި ވާހަކަ ކޮންމެހެން އޭނަ ކައިރީގަ ދައްކާނެކަމެއް ނެތް. ބައްޕަޔަކަށް ވެސް ނާންގާނަން. އަންގައިފިއްޔާ ނޭނގެ ދުނިޔެ ރަންނުވާނެކަމެއް ވެސް. މަންމަ ބޭނުމެއް ނޫން މަންމަޔާ ހެދި ތި ދެ މީހުން މައްސަލަޖެހޭކަށް. އެކަމަކު ދަރިފުޅު ހަނދާންކުރާތި! ދެން މި ކަހަލަ ކަމެއް އޭނަ ކޮށްފިއްޔާ މަންމަ އަހާނަން، ކޮބައިހޭ މައްސަލައަކީ؟ އަނގަޔަކުން ނޫން އަތުން އަހާނީ."
"އަހާބަލަ!" މިނާ ޖެހި އުނދަގޫ ފޮއްޗަކުން، ފަރުވާތެރިކަމާއެކު ހެދުންފަހަން އިން ދިފްލާ ބުންޏެވެ. "އެހުމުގެ ކުރިން އަހަރެންގެ ހުއްދަ ވެސް ހޯދަން ޖެހޭތަ؟ މިރޭގެ މީޓިންގް ކެންސަލު ނުވަންޏާ ޔުނީފޯމެއް އިސްތިރިކުރަން ހަނދާންކުރައްޗޭ!"
ދިފްލާއަށް ހެދުމެއްގެ ފަސްބައި މޮހެދޭން އިން ޔަމާނީ ހެދުން ބާއްވާފައި ދިފްލާޔާ ކައިރިޔަށް ޖެހިލިއެވެ.
"ޔުނީފޯމު މިހާރު ހުންނާނީ ރެޑީގަ،" ޔަމާނީ ބުނެލިއެވެ. "މި ގެއަށް މިހާރު މީހަކު ނާންނަކަން ދޮންތައަށް ފާހަގަކުރެވޭތަ؟ ބުނޭ ނުކުރެވެޔޭ!"
"ކުރެވޭ!" ދިފްލާ ވަގުތުން ބުންޏެވެ. "ރާއިދު ދޯ؟ ތީ ހުއްދަހޯދައިގެން އަހަންޖެހޭ ވަރުގެ ވާހަކައެއް؟ މެރީކުރީމަ އޭނަ ވެސް ބިޒީވާނެތާ! ދެން ރަނގަޅެއްނު! އަހަރުމެންގެ މަންމަ ވަަރަށް އުފާވާނެ."
"ދޮންތަ ދެރަވޭތަ؟" ޔަމާނީ ސުވާލުކުރިއެވެ. "ކުރީ ދުވަހު އޭނަ މި ގެއަށް މަޑުކޮށްފަ ވެސް، ސައިކުން ނުފައިބާ ނައްޓާލީ! އެއީ ކީއްވެބާ؟"
"އޭނަ ކައިރީ އަހާބަލަ! އަހަންނަށް ކިހިނެއް އެނގެނީ؟" ވަރަށް ހަމަޖެހިލާފައި ދިފްލާ ބުންޏެވެ. "ބިރުގަތީކަން ނޭނގެއެއްނު! މީ އެއް މަގުގަ ހުންނަ ދެ ގެ. އެހާ ހެޕީ ލައިފެއް ލިބުނީމަ، ކުރިޔަށް ވުރެ ވެސް ބޮޑަށް ވިސްނައިގެން އުޅެންވާނީ."
ޔަމާނީ ކުރިޔަށްވުރެ ބޮޑަށް ގާތްވެލިއެވެ. ދިފްލާ ދައްކާ ވާހަކައާއި ހަގީގަތް ކިހައި ބީރައްޓެހިކަން ޔަމާނީއަށް އެނގެއެވެ.
"ތި ވާހަކައޭ ބުނަން މިއުޅެނީ،" ޔަމާނީ ބުންޏެވެ. "ކުރީ ދުވަހު ނަޖޫގެ މަންމަ އައި މި ގެއަށް. ވަރަށް ގިނަ އިރު މަންމަޔާ ވާހަކަދައްކަން އިނދެފަ ދިޔައީ. ކިއި އެއްޗެއް މާ ރަނގަޅަކަށް ނޭނގެ. އެކަމަކު ހަމަ ޔަގީން، ރާއިދުމެން ގޭގަ ކޮންމެވެސް ބޮޑު މައްސަލައެއްޖެހިގެން އުޅެނީ. އޭނަގެ ލައިފް ހެޕީއެއް ނޫން."
ކުއްލިއަކަށް ފަހާފޮށީގެ ތިނޯހާއި މިނަޔަކާ ދިމާވެފައި މިނާ ކުނޑިވެ، ތިނޯސް ބިންދައިގެންދިޔައެވެ.
"ކޯޗެއް އެ ފުނޑުފުނޑުވީ؟" ސިހިފައި ޔަމާނީއަށް ބުނެވުނެވެ.
"ނަޖޫއަށް ހާދަ ނުވިސްނެޔޭ! އޭނައަކަށް ނޭނގެ އޭނަ ކިހާ ލަކީކަމެއް،" ދިފްލާ ބުންޏެވެ. "ޕެލަސްއެއް ކަހަލަ ގެއެއް. ޕްރިންސެއް ކަހަލަ ހަސްބަންޑެއް. ރީތި ފެންޓަސީ ވާހަކައެއްގަ ނޫނީ އެހާ ގިނަ ކޮލިޓީތަކެއް ނުވެސް ހުންނާނެ. ކީއްވެތަ ބައެއް މީހުންނަށް ނުވިސްނެނީ އެމީހުންގެ ލައިފް އަސްލު ކިހާ ރީތިކަން؟ ކިހާ ތަފާތުކަން؟ އަހަންނަށް އެ ކަހަލަ ޗާންސެއް ލިބުނު ނަމަ، އުނގަށްއަރާ ގޮތަށް ނުވެސް ފައިބާނަން. ލޯމަރާލައިގެން ހަމަ އޮންނާނީ."
"ދެން ތި ލޯހުޅުވަންވެއްޖެއްނު!" ފާއިޒާ ފޫހިވެފައި ބުންޏެވެ. "ނިދީ ދޯ؟"
"ނިދީކީ ނޫން!" ލޯހުޅުވައިލަމުން ނަސީމު ބުންޏެވެ. "އަދި ކިރިޔާ މި ހޭލެވުނީ. ތި ވަރު ކަމެއް ހިނގާ އިރު އަހަންނަށް އަންގާލަންޖެހޭނެއްނު!"
ގަޑިން ރޭގަނޑު ބާރަޖަހައި ބޮޑުވެއްޖެއެވެ. އެނދުގައި އޮށޯވެގެން އޮތް ފާއިޒާ އޮތީ ނަސީމާ ދިމާއަށް ބަލަހައްޓައިގެންނެވެ. ނަސީމު އޮތީ ލޯހުޅުވައި، ދެބުމަ ގޮށްޖަހައިގެންނެވެ. ހިތުގައި އޮތް ގޮތަށް ކަންކުރާ ނަމަ، ވަގުތުން ތެދުވެގެން ގޮސް ރާއިދު ކޮޓަރީގެ ދޮރުގައި ތަޅައިގެންފައި، ދޮރު ނުހުޅުވައިފިއްޔާ ދޮރު ވައްޓައިލައިފައި ގޮސް ނަޖްވާނާ ސުވާލުކުރީހެވެ.
"އަހަރެން މިހިރީ މި ވާހަކަ ނުދައްކާށޭ! ރާއިދު ގާތުގަ ބުނިން ނަސީމަކަށް ވެސް ނާންގާނަމޭ!" ފާއިޒާ ބުންޏެވެ. "އެކަމަކު ނަސީމު ދުވާލަކު އެއް ހާސް ފަހަރު އެބަ އަހާ، ނަޖްވާންގެ ވާހަކައެއް އަހާ އިރަށް އަހަރެންގެ މޫނަށް އެ ވަނީ ކީއްހޭ؟ އެހެންވެ މި ކިޔައިދިނީ. ހެޔޮނުވާނެ ނަޖްވާން ކައިރީގަ އެކައްޗެއް ވެސް ނާހާތި!"
"އަހަންނަށް އޭނަ ފެނިގެންތާ!" ރުޅިއައިސްފައި ނަސީމު ބުންޏެވެ. "އަޅައިގެންފަ ވެއްޓުނަސް ދެނެއް އަހަންނަކަށް އޭނައެއް ނުފެންނާނެ. ހުންނަ ގޮތްކުޑަކަން. އިހަށް ދުވަހު މި ގެއަށް އައި މީހެކޭ! ހީވާ ކަހަލަ މީ އޭނަގެ އަމާބަފާގެ ގެޔޭ! އަހަރުމެންގެ ދަރި ކީއްވެގެންތަ އެ ވަރަށް އަނބިދަށުވެފަ އެ ހުންނަނީ؟"
"ހޫނހޫނ! ތިހެންވެގެންނޭ ނަސީމަށް ނާންގަން ހުރީ ވެސް. ދެން ނިދަންއުޅޭ!" އެހެން ބުނެފައި ފާއިޒާ ބޮކީގެ އަލިމަޑުކޮށްލިއެވެ.
އޮފީހުގެ މަސައްކަތުމީހާ ބޮކިތައް ނިއްވަން ފެށިއެވެ. ރާއިދު އޮފީހުގައި އިންކަން އޭނައަށް އެނގުނީ، ގިނަ ބޮކި ނިއްވި ފަހުންނެވެ.
"އަޅުގަނޑު ނުވެސް ދެނަހުރިން ރާއިދު އިންނެވިކަމެއް،" އަނެއްކާ ބޮކިތައް ދިއްލަމުން އޭނަ ބުންޏެވެ. "އަޅުގަނޑު ފަހުން އަންނާނަން. ކޮން އިރަކުންތޯ ގެއަށް ވަޑައިގަންނަވަނީ؟"
"ނިއްވާނިއްވާ!" ތެދުވަމުން ރާއިދު ބުންޏެވެ.
ސައިކަލަށް އަރަން ދިޔަ އިރު ރާއިދުގެ ސިކުނޑީގައި އެނބުރުނީ، ގޭތެރޭގައި ތޮއްޖެހެމުންދާ މައްސަލަތަކެވެ. ކުރިން ނަޖްވާނާ ގުޅުން ގޯސްވީ މަންމަ އެކަންޏެވެ. ހަމަ ކުއްލިއަކަށް ބައްޕަގެ ގުޅުން ވެސް ގޯސްވެއްޖެއެވެ. ވީ ގޮތެއް ރާއިދަކަށް ނޭނގެއެވެ. ރާއިދުގެ ނަޒަރުގައި މަންމަގެ މާގަސްތަކަށް ދިމާވި މައްސަލަ ބައްޕައަކަށް ނޭނގޭނެއެވެ. އަނެއްކޮޅުން، ނަޖްވާނަށް ކާން ގެންނަނީ ކޮޓަރިޔަށެވެ. އެ ކަން ބަރާބަރަށް ހިނގައެވެ. އެހެނަސް ވަރަށް ގިނަ ފަހަރު ލަސްވެއެވެ. އެ ކަމާ ނަޖްވާން ކުރާ ޝަކުވާ ދަނީ ގިނަވަމުންނެވެ. ރާއިދު އެ ކަމާ އަޅާނުލަނީ، އޭގެ ސަބަބުން، ބައެއް ފަހަރު ނަމަވެސް ނަޖްވާން ކޮޓަރިން ނުކުންނާތީއެވެ. އެންމެނާ އެކުގައި ކާން އިންނާތީއެވެ. މައްސަލައަކީ، ނަސީމު ކާންއިންދައި ނަޖްވާން އިށީނދެއްޖެ ނަމަ ދެން ވާ ގޮތެވެ. ވަގުތުން ނަސީމު ތެދުވެގެން ދެއެވެ.
ދޮވެއިސްތިރިކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ވެސް ދިޔައީ ގިނަވަމުންނެވެ. ނަޖްވާން އެ ކަން ނުކުރުން އެއީ ރާއިދަށް މައްސަލައެއް ނޫނެވެ. އެހެނަސް، ގޭގައި ގެންގުޅޭ ކުދިން އެ ކަން ކުރާ ގޮތް ނަޖްވާނަަކަށް ކަމަކުނުދެއެވެ. ހެދުން ރަނގަޅަށް ދޮވެވޭކަމަކަށް ނުވެއެވެ. ރޫފިލާކަމަކަށް ނުވެއެވެ. ކޮޓަރި ސާފުކޮށްފައިހުންނަ ގޮތާއި، ތަންމަތިއަޅާ ގޮތް ވެސް ކަމުދާކަމަކަށް ނުވެއެވެ. އަމިއްލައަށް އެއިން އެއްވެސް ކަމެއް ކުރާނެ މުރާލިކަމެއް ނަޖްވާންގެ ނުހުރެއެވެ. ކޮންމެ ދުވަހަކީ ކޮންމެވެސް މައްސަލައެއް ހިލޭ ދުވަހެކެވެ. އަރާރުމަކަށް ނުވިޔަސް ދެބަސްވުމަކަށް ނުގޮހެއް އެ ކަމެއް ނުނިމެއެވެ. އޮފީހުން ރާއިދު ގެއަށް އަންނަ އިރު ނަޖްވާންގެ ފުސްމޫނު ދެކެން ނުޖެހޭ ދުވަހެއް ނާދެއެވެ. މައްސަލަ ހައްލުކުރަން ނަޖްވާނަށް ވިސްނައިދީދީ ރާއިދު ވަރުބަލިވެއްޖެއެވެ. އޮފީސް ނިމުނީމައި ވެސް ރާއިދަށް އިނދެވުނީ އެހެންވެއެވެ. އޮފީހުގައި ވެސް ކުޑަ މައްސަލައެއް ދިމާވި ދުވަހަކަށްވުމުން، އަނެއްކާ ގެއަށް ގޮސް މައްސަލަގަނޑެއް ތެރެއަށް ވަންނާކަށް ރާއިދު ބޭނުމެއް ނޫނެވެ. ސިކުނޑިއަކު އެދުވަހަކު އެހައި ހަކަތައެއް ނެތެވެ. ގެއަށް ނުވަދެ، ރަށުތެރޭގައި އެނބުރޭނީއޭ ހިތައި ސައިކަލުގައި ނައްޓައިލިއެވެ. ރަށުތެރޭގައި އެތައް އިރަކު އެނބުރުމަށް ފަހު ހިޔާލު ބަދަލުވެ، ދިފްލާގެ ގެއަށް ސައިކަލު މަޑުކޮށްލިއެވެ. ދިފްލާއަށް މެސެޖެއް ފޮނުވައިލިއެވެ.
"ބިޒީ؟" ރާއިދުގެ މެސެޖުގައި އޮތެވެ.
"ނޫން! ކިހިނެއްވީ؟" މިނެޓެއްހައި އިރަށް ފަހު ދިފްލާގެ ޖަވާބުއައެވެ. "ހަނީމޫން ނިމުނީ؟"
އެއްވެސް ކަމެއް އެނގޭކަމަކަށް ދިފްލާ ނަހަދައެވެ. އެހެނަސް، ރާއިދު އެ އުޅެނީ ކަމަކާ މަޝްވަރާކުރަންވެގެންކަން ނުވަތަ ހިތުގައި ހުރި އުދާސްތަކެއް ބޭރުކޮށްލަންވެގެންކަން ދިފްލާއަށް ރަނގަޅަށް އެނގެއެވެ.
"އެބަ ދަން." ރާއިދު ލިޔުނެވެ.
ދިފްލާ އުޅުނީ ކޭކެއްއެޅުމުގެ މަސައްކަތުގައެވެ. ގޭގައި އެހެން މީހަކު ނެތް ވަގުތެކެވެ. ރާއިދު ވަދެގެން އައިސް މޭޒު ކައިރީގައި އިށީނެވެ. ކުރިން ރާއިދު އަންނާނީ އޮފީސް ނިމޭ ގަޑީގައެވެ. އެ ދުވަހު ހަވީރު ހައެއް ޖަހަނީއެވެ.
"އައްދެ! މިއަދު ހާދަހާ ލަހުން އޮފީސް ނިމުނީ." ކޭކުގައި އައިސިން ޖަހަމުން ދިފްލާ ބުންޏެވެ.
"އޮފީސް ނިމިގެން އެތައް އިރަކު އިނދެއިނދެފަ، މުޅި ރަށުތެރޭގަ އެނބުރިފަ މި އައީ،" ފޫހި ރާގެއްގައި ރާއިދު ބުންޏެވެ. "އޮފީސް ލައްޕާ މީހާ ކިޔައިފި ކޮން އިރަކުންތޯއޭ ގެއަށް ވަޑައިގަންނަވަނީ؟ އެހެންވެ މި ވަޑައިގަތީ ގެއަށް."
"އައްދެ! މީތަ ރާއިދުގެ ގެއަކީ؟" ދިފްލާ ސުވާލުކުރިއެވެ.
"ނެތް ގެއަށް ދާހިތެއް،" ދިފްލާޔާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެފައި، މޭޒުގައި ބޯއަޅައިލަމުން ރާއިދު ބުންޏެވެ. "ވަރަށް ސްޓްރެސް ދުވަހެއް."
އެހެން ބުނެފައި ވެސް ރާއިދު އޮތީ މޭޒުގައި ބޯޖަހައިގެންނެވެ.
"އާނ! ތިހެން އޮތީމަ އަހަންނަށް ވަރަށް ފަސޭހަވާނެ،" ދިފްލާ ބުންޏެވެ. "ގަމީހުގަ އައިސިން ހޭކިދާނެ. އޭތް!"
ދެން ވެސް އެއްޗެއް ނުބުނެ ރާއިދު އޮތީއެވެ. ވާހަކަ ފަށާނެ ހިސާބެއް ނޭނގިފައެވެ. ދިފްލާގެ ހިތް ހަމުދަރުދީން ފުރިގެން ބަންޑުންވާން ކައިރިވެފައިވާ ކަހަލައެވެ. ރާއިދަށް ބަލަހައްޓައިގެން ދިފްލާ ހުރި އިރު، ރާއިދުގެ ބޮލުގައި ފިރުމައިލަން ވަރަށް ބޭނުންވިއެވެ. ދިފްލާ ހިތަށްއެރިއެވެ. އެއީ ކުށަކަށް ނުވާނެއެވެ. އިންސާނިއްޔަތަށް ޓަކައި އެ ވަރު ހައްގެއް ދިފްލާއަށް އޮންނާނެއެވެ.
ނުނިމޭ