ކުރިއަށް އޮތް ތިން ދުވަހު ކަނޑު ވަރަށް ގަދަވާނެ: މެޓް
ކުރިއަށް އޮތް ތިން ދުވަހު ކަނޑު ވަރަށް ގަދަވާނެ: މެޓް

ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރު ރާއްޖެ އަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ، ކުރިއަށް އޮތް ތިން ދުވަހު ވެސް އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

މިގޮތުން އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް މެޓު އޮފީހުން ލަފާ ކޮށްފައިވެ އެވެ.

އެ އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށެވެ.

"ވީމާ ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ. އަދި ގަދަޔަވާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިިކަމުގެ ފިޔަވަޅު އެޅުވުމަށް ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

މި އަހަރުގެ ހުޅަނގު މޫސުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދިޔަ ހުކުރު ދުވަހު ވަނީ ފެށިފަ އެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާއިރު، އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭނެ އެވެ.

މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ މި ހަފުތާގައި އިންޒާރު ވެސް ދީފަ އެވެ.

މެޓް އޮފީހުން ބުނީ، އަންނަ މަހާއި ޖުލައި މަހާއި އޯގަސްޓް މަސް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަމަކު، ރާއްޖޭގެ ދެކުނަށް އެ ދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މަދުން ކަމަށް ވެސް ބުންޏެވެ.

އެ ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ ވަރާއި އެންމެ ދަށަށް ދާނެ ވަރު ވެސް އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.