20 މެއި 2024 - 22:20

ހުޅުމާލެ ފޭސް 2 ގައި ގަވާއިދާ ހިލާފަށް ހިންގާ ހަޓުތައް ނަގަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
އެޗްޑީސީން މިދިޔަ ހަފްތާ ތެރޭގައި ވަނީ އެ ހަޓުތައް ނަގަން އެންގުމަށް ފަހު އެ ތަަންތަން ބަދަލު ކުރަން ވަކި ބިމެއް ހަމަޖައްސާފަ އެވެ. ނަމަވެސް ވިޔަފާރި ކުރުމުގެ އެއްވެސް ހުއްދައެއް ނުނަގައި، އުސޫލެއް ނެތި ހިންގާ ހަޓުތަކަކަށް ވަކި ތަނެއް ހަމަޖެއްސުމުން އެކަމަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވި އެވެ.
އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް 2 ގެ ރުށްގަނޑާއި ބީޗު ސަރަހައްދަށް ވާ ގޮތަށް އޮންނަ ހުސް ބިމުގައި ގަވާއިދާ ހިލާފަށް ހަދާފައިވާ ހަޓުތަކާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދާތީ، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ތަންތަން ނަގަން އަންގާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އެ ތަން ހުސްނުކޮށްފި ނަމަ، އެޗްޑީސީން އެ ފަރާތްތަކާ ގުޅިގެން އެ ތަން ސާފު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.