20 މެއި 2024 - 17:53

ހައްޖު މޫސުމަށް ހާއްސަކޮށް އުރީދޫން "ސައުދީ ޕާސްޕޯޓު" ގެ ނަމުގައި ރޯމިން ސިމެއް ތައާރަފުކޮށްފި އެވެ.
އުރީދޫން ބުނީ މިއީ ހައްޖަށް ދާ މީހުންނަށް ފަސޭހަކަމާ އެކު ރާއްޖޭގައި ތިބި އާއިލާ އަދި ރައްޓެހިންނާ މުއާމަލާތްކޮށް ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުސަދުގައި ތައާރަފުކުރި ސިމެއް ކަމަށެވެ.
ހައްޖުގެ މާތް އަޅުކަމުގެ ދަތުރުގައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ދިވެހިންނެއް އެތައް މިލިއަން މުސްލިމުންނާ އެކު މައްކާއަށް ދަތުރުކުރެ އެވެ. "ސައުދީ ޕާސްޕޯޓު"އާ އެކު އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ މި މާތް ދަތުރުގައި ގާތް ތިމާގެ މީހުންނާ ފަސޭހައިން ގުޅާދިނުމެވެ.
މި ސިމުގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލް ޓައިމް ލިބޭނެ އެވެ. އަދި 60 އެސްއެމްއެސް ރޯމިންގައި ބޭނުން ކުރެވޭ އެވެ. މީގެ އިތުރަށް ބޭނުން ކުރާ ޑޭޓާއަށް ނަގާނީ އެމްބީއަކަށް 0.99ރ. އެވެ.
ހައްޖު މޫސުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސިމާ އެކު ކޮންމެ ކަސްޓަމަރަކަށް ވެސް ގުޅުމާއި، އެސްއެމްއެސް އަދި ޑޭޓާ ރަނގަޅު އަގެއްގައި ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ހަރުދަނާ ރޯމިން ކަވަރޭޖާ އެކު ކަސްޓަމަރުންނަށް ހައްޖުގެ ހުރިހާ ސައިޓެއްގައި މުއާމަލާތްކުރުމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ސިމް އާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު ވިދާޅުވީ، ސައުދީ ޕާސްޕޯޓް ޓްރެވަލް ސިމް ތައާރަފް ކުރުމަކީ ހައްޖުވެރިންނަށް ލުއިފަސޭހަ ކަމާއެކު ސައުދީ އަރަބިއްޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މި މަސައްކަތުގެ ސަބަބުން ހައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމައުގެ ބޭނުންތައް ފުއްދައި ދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދޭ،" އޭނާ ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އާއިލާ އާއި ރައްޓެހިންނާ ދުރުގައި ތިބޭ މިފަދަ ހާލަތްތަކުގައި ފަސޭހައިން ގުޅޭނެ ގޮތް ހަމަޖެހުން ވަރަށް މުހިއްމު ކަމަށެވެ.
"އުރީދޫ ސައޫދީ ޕާސްޕޯޓަކީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ އަދި ހެޔޮ އަގެއްގައި މުވާސަލާތީ ހައްލުތަކެއް ފޯރުކޮށްދީ، ކަނެކްޓިވިޓީގެ މައްސަލަތަކާ މެދު ކަންބޮޑުވުމެއް ނެތި ހައްޖުގެ އަޅުކަމަށް ސަމާލުކަން ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕާސްޕޯޓެއް. އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ މުހިންމު މުނާސަބަތުތަކުގައި، ކަސްޓަމަރުންނަށް ބޭނުންވާފަދަ ރަގަޅު ހިދުމަތްތައް ފޯރުކޮށް ދިނުމަށް." އޭނާ ވިދާޅުވި އެވެ.