20 މެއި 2024 - 10:10

އަރްމީނިއާގެ ޔޫތު އޯޕަން މުބާރާތުގެ 13 އަހަރުންދަށުގެ ބައިގެ ޑަބަލްސް ދެ އިވެންޓަކުން ލައިބާ އަހްމަދު މަހްލޫފް، ރިހި މެޑައްޔާއި ލޯ މެޑަލް ހޯދައިފި އެވެ.

ޔޫރަޕްގެ ބެޑްމިންޓަން ޖޫނިއާ ކަލަންޑަރުގައި ވެސް ހިމެނޭ މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލަށް ލައިބާ އާއި އޭނާގެ ޕެއާ ސައިޕްރަސްގެ ކެތުރީން ދަތުރު ކުރީ ސެމީގެ މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.

އެ ޕެއާއާ ދެކޮޅަށް ފައިނަލުގައި ނުކުތީ ބަލްގޭރިއާގެ އުމުރުން 13 އަހަރުގެ ޑަބަލްސް ރޭންކިންގެ އެއްވަނަ ޕެއާ އެވެ. ލައިބާ އާއި ކެތުރީންގެ ޕެއާ ބަލިވީ 21-13 އަދި 21-12 އިންނެވެ.
މިކްސްޑް ޑަބަލްސް ބައިގެ ސެމީ ފައިނަލަށް ދަތުރުކޮށް ލައިބާ އާއި އަރްމީނިއާގެ މާކްގެ ޕެއާ ވަނީ ބްރޯންޒް މެޑަލް ހާސިލުކޮށްފަ އެވެ.
އަރްމީނިއާގެ ނަރެކް އާއި ގަޔާނެ ޕެއާ ބަލިކޮށް، ލައިބާ އާއި މާކްގެ ޕެއާ ސެމީން ޖާގަ ހޯދީ ކުއާޓާ ފައިނަލްގެ މެޗު 21-14 އަދި 21-12 އިން ކާމިޔާބުކޮށްގެންނެވެ.
ސެމީގައި ލައިބާ އާއި މާކްގެ ޕެއާ ބަލިވީ ބަލްގޭރިއާގެ 13 އަހަރުންދަށުގެ މިކްސްޑް ޑަބަލްސްގެ ގައުމީ ޗެމްޕިއަން ޕެއާ އަތުންނެވެ.
ކުރީގެ ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ ދަރިފުޅު ލައިބާ، މިހާރު ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުގައި ޖުމުލަ އަށް މެޑަލް ހޯދައިފަ އެވެ. އެއީ ތިން ރިހި މެޑަލް އާއި ފަސް ލޯ މެޑައްޔެވެ.