20 މެއި 2024 - 08:25

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމަށް ހިންގި ބޮޑު އޮޕަރޭޝަނުގައި ހެލިކޮޕްޓަރު ވެއްޓުނު ތަން ހޯދުނަސް، "ހާލަތު ރަނގަޅު ނޫން" ކަމަށް އިރާނުގެ ރެޑް ކްރެސެންޓުން ބުނެފި އެވެ.

"ހެލިކޮޕްޓަރު ފެނިއްޖެ. މިހާރު ރެސްކިއު ޓީމުތައް އެ ދަނީ ހެލިކޮޕްޓަރު ކައިރިއަށް. އެކަމަކު ހާލަތު ރަނގަޅެއް ނޫން،" އިރާނުގެ ރެޑް ކްރެސެންޓުގެ ވެރިޔާ ބުންޏެވެ.

އެކަމަކު އިރާނުގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން، ރައިސީ އާ އެކު އެ ހެލިކޮޕްޓަރުގައި އިންނެވި ޑެޕިޔުޓީ ފޮރިން މިނިސްޓަރާ ދެ ފަހަރެއްގެ މަތިން ފޯނުން ގުޅުނެވެ. ހާލު ރަނގަޅު ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުންޏެވެ.
މި ހާދިސާ އާ ގުޅޭ އެކި މައުލޫމާތުތައް ފެތުރެމުންދާ އިރު، އިރާނު ސަރުކާރުން މާ ބޮޑު ތަފްސީލެއް ނުދޭތީ ހާދިސާގެ އަޕްޑޭޓުތައް ލިބުން ވަނީ ދަތިވެފަ އެވެ.
އެ ހާދިސާ ހިނގީ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.
ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުގެ އިތުރަށް މޫސުން ގޯސްވުމުގެ ސަބަބުން، ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން އެތައް ގަޑިއިރެއް ހޭދަވި އެވެ.
ހެލިކޮޕްޓަރު ވެއްޓުނު ތަން ހޯދުނީ ތުރުކީގެ ޑްރޯނެއްގެ އެހީތެރިކަމާ އެކު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ރައިސީ އާ އެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި އަދި އިތުރު ދެ ބޭފުޅަކު ވެސް ތިއްބެވި އެވެ.
މިއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް ތުހުމަތުކުރިޔަސް، އެފަދަ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.