21 ފެބުރުއަރީ 2017 - 13:06

ފެނާއި ގޭހާއި އެކި ކަހަލަ މުދާ، ފިހާރަތަކާއި ތަަންތަނަށް އުފުލަން ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި ވަގުތުތަކަށް އަމަލު ކުރުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު "މިހާރު" އަށް ވިދާޅުވީ އެ އޮތޯރިޓީގެ ގަވާއިދަށް އަމަލު ކުރުން ފަސްކުރީ ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ގަވާއިދު އާންމުކުރީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްފައިތޯ ސުވާލުކުރުމުން މަހުދީ ވިދާޅުވީ ގަވައިދު ހެދުމުގެ ކުރިން އެ ފަރާތްތަކާ މަޝްވަރާކޮށް ޚިޔާލު ހޯދާފައިވާނެ ކަމަށެވެ.
"މިއަށް ބަދަލެއް އަންނާނެ ކަން ނުވަތަ ނޫންކަން އަދި ބުނާކަށް ނޭނގޭ،" މަހުދީ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ އަންނަ ހަފުތާގެ އާދިއްތަދުވަހުން ފެށިގެން ލޮރީ އާއި ޕިކަޕް ފަދަ އުޅަނދުތަކުގައި ފެނާއި ގޭހާއި މުދާތައް އުފުލޭނީ ހެނދުނު 9-10 އަށް، މެންދުރު ފަހު 3-5 އަށް އަދި އިރުއޮއްސި 6:30 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު ހައެއް ޖެހުމާ ދެމެދުގަ އެވެ. އެ ނޫން ގަޑިތަކުގައި މިފަދަ ތަކެތި އުފުލަމަކީ މަނާކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
އެކަމަކު އެ އޮޓޯރިޓީން ބުނީ ބަނދަރު ސަރަޙައްދުން ގުދަން ކުރުމަށް ގެންދާ މުދާ އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ.
ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދުތަކުގައި މިފަދަ މުދާ އުފުލާއިރު ގިނަ ފަހަރަށް ޓްރެފިކް ޖޭމްވެ، ބޮޑެތި އުނދަގޫތައް ކުރިމަތިވެ އެވެ.