މޫސުން ގޯސްކަމުން ރައިސީގެ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ރެސްކިއުއަށް އަދިވެސް ނުދެވޭ
މޫސުން ގޯސްކަމުން ރައިސީގެ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ރެސްކިއުއަށް އަދިވެސް ނުދެވޭ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް މޫސުން ގޯސްކަމުން ރެސްކިއު ޓީމުތަކަށް އަދިވެސް ނުދެވޭ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފި އެވެ.

އެ ހާދިސާ ހިނގީ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި ކަމަށް އިރާނުގެ ދައުލަތުގެ ޓީވީން ބުންޏެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ކަމަށާއި އެ ސަރަހައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން ރެސްކިއު ޓީމުތަކަށް ހެލިކޮޕްޓަރާ ހަމައަށް އަދިވެސް ނުދެވޭ ކަމަށް އިރާނުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވި އެވެ.

ރައިސީ އާ އެކު އަރިހުގައި ވަޑައިގެންނެވި ވަފުދު ދަތުރުކުރެއްވީ ތިން ހެލިކޮޕްޓަރުގައި ކަމަށާއި، ވެއްޓުނީ ރައިސީ އިންނެވި ހެލިކޮޕްޓަރު ކަމެއް ނުވަތަ ނޫން ކަމެއް ވެސް އިރާނުން އަދި ރަސްމީކޮށް ނުބުނެ އެވެ. އެއް ހެލިކޮޕްޓަރު ވަރަށް ބާރަށް ބިންމަތީގައި ޖެހިފައިވާ ކަމަށާއި އަނެއް ދެ ހެލިކޮޕްޓަރު ސަލާމަތުން އެ ސަރަހައްދުގައި ޖައްސާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ރައިސީ އާ އެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން ވެސް އިންނެވި ކަމަށްވެ އެވެ.

އުމުރުފުޅުން 63 އަހަރުގެ ރައިސީ އިރާނުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 2021 ވަނަ އަހަރެވެ.