އިރާންގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު އެކްސިޑެންޓް ވެއްޖެ
އިރާންގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު އެކްސިޑެންޓް ވެއްޖެ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު އެކްސިޑެންޓް ވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އިރާނުގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ނުބުނާތީ މި ހާދިސާގެ މާ ބޮޑު ތަފްސީލެއް ނުލިބެ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ޖައްސަން އުޅުނު ވަގުތު، ވަރަށް ބާރަށް އައިސް ވަނީ ބިންމަތީގައި ޖެހިފަ އެވެ.

އެކަމަކު އެހެން ރިޕޯޓުތައް ބުނާ ގޮތުން، އެ ހާދިސާ މެދުވެރިވެފައިވަނީ ރައިސީ އާ އެކު ދަތުރުކުރި ހެލިކޮޕްޓަރުތަކުގެ ތެރެއިން އެއް ހެލިކޮޕްޓަރަށެވެ. އަދި ބާރަށް ބިންމަތީގައި ޖެހުނު ހެލިކޮޕްޓަރުގައި ރައިސީ އިންނެވި ކަމެއް ވެސް ސާފު ނުވާ ކަމަށް ބުންޏެވެ.

ރައިސީ އާ އެކު އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން ވެސް އިންނެވި ކަމަށްވެ އެވެ.

އެ ހާދިސާ ހިނގީ އުތުރުގައި އޮންނަ އަޒަރުބައިޖާނު ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި ކަމަށް އިރާނުގެ ދައުލަތުގެ ޓީވީން ބުންޏެވެ.

އެ ހާދިސާ ހިނގި ސަރަހައްދަށް ރެސްކިއު ޓީމުތައް ދަތުރުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އިރާނުގެ އިންޓީރިއާ މިނިސްޓަރު ޓީވީގައި ވިދާޅުވީ އެ ހާދިސާ ހިނގި ސަރަހައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން ރެސްކިއު ޓީމުތައް ދިޔުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އޭނާ ވަނީ ރައިސީއަށް ދުއާކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އުމުރުފުޅުން 63 އަހަރުގެ ރައިސީ އިރާނުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ 2021 ވަނަ އަހަރެވެ.