21 ފެބުރުއަރީ 2017 - 12:45

ހަރާރޭ (ފެބްރުއަރީ 21) - އެފްރިކާގެ އެންމެ ގިނަ ދުވަސްވީ އެއް ރައީސްގެ އުމުރުން މިއަދު 93 އަހަރު ފުރުނީ އެވެ. އެކަމަކު ރޮބަޓް މުގާބޭ ހުންނެވީ ވެރިކަމުން ދޫދެއްވާ ގޮތަކަށް ނޫނެވެ.
އުފަން ދުވަހުގެ މުނާސަބަތުގައި ޒިމްބާބުވޭގެ ރަސްމީ މީޑިއާ އަށް ދެއްވި އިންޓަވިއުގައި މުގާބޭ ވިދާޅުވީ އަންނަ އަހަރު އޮންނަ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވޭ އަޅުގަނޑު އިންތިޚާބުގައި ވާދަކުރަން. ރައްޔިތުންގެ ގިނަ މީހުން ގަބޫލް ކުރަނީ އަޅުގަނޑުގެ ބަދަލުގައި ވެރިކަން ކުރެވޭ ވަރުގެ މީހަކު އަދިވެސް ނެތް ކަމަށް. ރައްޔިތުންނަށް ގަބޫލް ކުރެވޭ ވަރުގެ ކެންޑިޑޭޓަކު ނެތް،" ސަރުކާރުގެ ޓީވީ ޒެޑްބީސީ-ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މުގާބޭ ވިދާޅުވި އެވެ.
މުގާބޭގެ އިންޓަވިއުގައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް ތައުރީފް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ޓްރަމްޕަށް ވެސް ވަގުތު ދޭން ޖެހޭ ކަމަށެވެ. އަދި އެމެރިކާގެ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ހޯއްދެވުމުން ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށާއި އެ އިންތިޚާބުގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް ތާއީދު ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ. އެމެރިކާގެ ރައީސަކަށް ތާއީދުކޮށް ވާހަކަ ދެއްކުމަކީ މުގާބޭ ވަރަށް ނުކުރައްވާ ކަމެކެވެ.
މުގާބޭ އާއި ޒިންބާބުވޭ ސަރުކާރުގެ އިސް މީހުންނާ ދެކޮޅަށް އެމެރިކާ އިން ވަނީ 2001 ވަނަ އަހަރު ދަތި ކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެގޭ ތެރޭގައި މުގާބޭ އެމެރިކާ އަށް ދަތުރު ކުރުން މަނާކުރުމާއި އޭނާގެ މުދާ ހިފެހެއްޓުން ހިމެނެ އެވެ. މި ފިޔަވަޅުތައް އެޅީ ޒިމްބާބުވޭގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރުމާއި އިންތިޚާބުތަކުގައި މަކަރު ހަދާތީ އެވެ. ރައީސް ބަރަކް އޮބާމާ ވެރިކަމުން ފައިބައިވަޑައިގަތުމުގެ ކުރިން، ޖެނުއަރީ މަހު ވަނީ މި ފިޔަވަޅުތައް އިތުރު އެއް އަހަރަށް ދަމަހަައްޓައިފަ އެވެ.
މުގާބޭ ވިދާޅުވީ ޓްރަމްޕުގެ ވެރިކަމުގައި ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ދާދި ފަހުން ވިދާޅުވެފައި ވަނީ މުގާބޭގެ ފުރާނަ ނެތް މަސްގަނޑު އިންތިޚާބުގައ ވާދަކުރި ނަމަވެސް ހޮވޭނެ ކަމަށާއި އެހާވެސް އޭނާގެ މަގްބޫލްކަން ބޮޑު ކަމަށެވެ. މުގާބޭ ގެންދަވަނީ 1980 ވަނަ އަހަރުން ފެށިގެން ޒިމްބާބުވޭގައި ވެރިކަން ކުރައްވަމުންނެވެ.