ހަޓުތައް: ގާނޫނާ ހިލާފު ވިޔަފާރި އަށް އަނެއްކާވެސް ހިލޭ ބިން!
ހަޓުތައް: ގާނޫނާ ހިލާފު ވިޔަފާރި އަށް އަނެއްކާވެސް ހިލޭ ބިން!

ވިޔަފާރި ކުރުމުގެ ހުއްދައެއް ނެތި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުގައި ހިންގާ ހަޓުތަކުގެ ވިޔަފާރި ކުރިޔަށް ގެންދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރު ތަނެއް ހަމަޖެއްސުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މީގެ ކުރިން ހަޓުތަކެއް ބަހައްޓައިގެން ވިޔަފާރި ކުރަމުން އައީ ހިޔާ ފްލެޓު ސަރަހައްދުގަ އެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި އެކަން ކުރުން މަނާ ކުރުމުން އެ މީހުން ހަޓުތައް ބަދަލު ކުރީ އަދި ތަރައްގީ ނުކޮށް އޮތް ބީޗު ސަރަހައްދަށެވެ.

އެތަނުގައި ގިނަ އަދަދެއްގެ ހަޓުތައް ޖަހައިގެން ވިޔަފާރި ކުރާއިރު ބައެއް މީހުން ހަތަރު ހަޓު ވެސް ހިންގަ އެވެ. އަދި އެ ތަނުގައި ހަޓުތައް ޖަހައިގެން ބިދޭސީން ވެސް ވިޔަފާރި ކުރެ އެވެ.

މި ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް ހަޓް ހުރެ އެވެ. އެކި ހަޓްތަކުގައި އެކި ވިޔަފާރި އަންނަނީ ކުރަމުންނެވެ. އެއީ، ރަޖިސްޓްރީ ނުކޮށް، އަދި ސަރުކާރަށް ޖީއެސްޓީ ވެސް ނުދައްކަ އެވެ. ވިޔަފާރިތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިއެއް ވެސް ރަޖިސްޓްރީކުރަން ޖެހެ އެވެ. އަދި މީރާ އަށް ޖީއެސްޓީ ވެސް ދައްކަން ޖެހެ އެވެ. އެކަމަކު، މި ހަޓްތައް ހިންގަނީ އެ އުސޫލަކުން ނޫނެވެ.

ބައެއް މީހުން ބުނާ ގޮތުން މިއިން ބައެއް ހަޓްތަކުން މަހަކު ގާތްގަނޑަކަށް ބައި ލައްކަ ރުފިޔާވަރު ވެސް ނަގަ އެވެ. އެތާނގައި ހުރި ހަޓްތަކުގެ ތެރޭގައި ހަޓް ހިންގަނީ ކާކު ކަން ނުވެސް އިނގޭ ތަންތަން ހުރި ކަމަށް ވެސް ވެ އެވެ.

"ތި ޖިފުޓިތަކަކީ ބިދޭސީން ހިންގާ ތަންތަން. އޭގެ ބަދަލުގައި އިތުރު ތަނެއް ދައްކާކަށް ނުޖެހޭ،" އާންމު މީހަކު ފޭސްބުކްގައި ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވެ އެވެ.

"މިކަހަލަ ކޮންމެ ކަމެއް ކުރާ ބަޔަކު ސަރުކާރަށް ބަލަދު އަރަނީ ކީއްވެތޯ ސުވާލު އުފެދޭ."

ދެވަނަ ފިޔަވަހީގެ ބީޗް ތަރައްގީ ކުރަން ޖެހޭތީ އެޗްޑީސީން ނިންމާފައި ވަނީ އެ މީހުންނަށް އިތުރު ތަނެއް ހަމަޖެއްސުމެވެ. އެގޮތުން އެ ބިމުގެ އިމުގެ ތެރެއިން ހުސްކޮށް އޮތް ސަރަހައްދަށް އެ ހަޓުތައް ބަދަލު ކުރަން އެ ކުންފުނިން ވަނީ ފުރުސަތު ދީފަ އެވެ. އެއީ ހިލެ އެވެ.

ހުޅުމާލޭގެ ބިމެއް ބަޔަކަށް ވިޔަފާރިކުރަން ހިލޭ ދެނީ ކީއްވެގެންތޯ އާއި ބިޑަށް ވެސް ނުލައި، އަދި އެންމެންނަށް ފުރުސަތު ނުލިބޭ ގޮތަށް ބިން ދެނީ ކީއްވެތޯ "މިހާރު"ން މިއަދު ސުވާލު ކުރުމުން އެޗްޑީސީގެ ޕަބްލިކް ރިލޭޝަން އެސިސްޓަންޓް މެނޭޖާ މުހައްމަދު ސިރާޖު ވިދާޅުވި ގޮތުގައި ހަޓުތައް ހިންގަން އިތުރު ތަނެއް ހަމަޖައްސައި ދިނީ އެ މީހުން އެ މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާތީ އެ ފުރުސަތު ގެއްލުވައި ނުލުމަށް ކަމަށެވެ.

ގަވައިދާ ހިލާފާށް ވިޔަފާރި ކުރާ ބަޔަކަށް އެ ފުރުސަތު ދެނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ މީހުންގެ ވިޔަފާރި ކުރުމުގެ ހުއްދައެއް އޮތްތޯ ބެލިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެތަން ތަރައްގީ ކުރުމަށް ފަހު ވަކި އުސޫލެއްގެ ތެރެއިން ހަޓުތައް ހިންގަން ފުރުސަތު ހުޅުވާލާނަން،" ސިރާޖު ވިދާޅުވި އެވެ.

އެޗްޑީސީން ހުޅުމާލެ ފޭސް 1 ގައި ވެސް އަމަލު ކުރާ ގޮތަކީ އެފަދަ ހަޓުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލުމެވެ. އަދި ހުއްދަ ނުނަގާ އެފަދަ ތަންތަން ހިންގާ ނަމަ އެޗްޑީސީން އެކަން ހުއްޓުވަ އެވެ.