ހަތަރު މީހުންނާ އެކު ގެއްލުނު ދޯނީގެ ހަބަރެއް ނުވޭ: އެމްއެންޑީއެފް
ހަތަރު މީހުންނާ އެކު ގެއްލުނު ދޯނީގެ ހަބަރެއް ނުވޭ: އެމްއެންޑީއެފް

ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ "އޭއޭއޭ-37" ނަމަކަށް މުދާ އުފުލާ ދޯނީގެ ހަބަރެއް އަދިވެސް ނުލިބޭ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ހަތަރު މީހުންނާ އެކު ދަތުރުކުރިއިރު އެ ދޯންޏަކީ އިއްޔެ ހެނދުނު ހައެއް ޖެހިއިރު ތިލަފުށިން ފުރި ދޯންޏެއް ކަމަށެވެ. ދޯނީގެ ހަބަރެއް ނުވެގެން އެކަމުގެ ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ހަވީރު 17:15 ހާއިރެވެ.

މިހާތަނަށް އެ ދޯނި ހޯދުމަށް ކުރި މަސައްކަތުން ދޯނި ފެނިފައިނުވާ ކަމަށް އެެމްއެންޑީއެފް އިން ދެންމެ ބުންޏެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަނީ ކޯސްޓްގާޑް ޝިފް ޝަހީދު އަލީ އެވެ.

އެ ދޯންޏާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ، އެކަން އެމްއެންޑީއެފަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.

ދޯންޏެއް ގެއްލިގެން ހޯދަމުން އަންނައިރު ހުޅަނގު މޫސުން ފެށި، ރާއްޖޭގެ މޫސުން ވަރަށް ގޯހެވެ. މިހާރު ވެސް އޮތީ ބ. އަތޮޅުން ފެށިގެން އައްޑޫއަށް ޔެލޯ އެލާޓް ނެރެފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.