ބިންގަރާސް
ބިންގަރާސް

ބުދަ ދުވަހާ ގުޅޭ

ގަސްތަކަށް ބަލަހައްޓައިގެން ނަޖްވާން ހުރި އިރު، ނަޖްވާންގެ ހިތުގައި ލެއްވި ކަހަލަ ލަކުނެއް ފާއިޒާގެ ހިތުގައި ވެސް ލެއްވޭނެ ގޮތެއް ރާވައި ނިންމައިލިއެވެ. ފޯނުހިފައިގެން އެނދުގައި ހަމަޖެހިލައި، އިންޓަނެޓުގެ ޖަންގަލީގެ ތެރެއަށް ފީނައިގަތެވެ. ނަޖްވާން ބޭނުންވަނީ، ގަސްތަކަށް ވެފައިހުރީ ކީއްކަން ނޭނގޭ ގޮތަށް ގަސްތައް މަރުވާނެ ފަންޑިތައެކެވެ. އަވަސް ދިރާސާ ނިންމައިލި އިރު، ފަސޭހައިން ލިބޭނެ ތިން ހަތިޔާރެއް ނަޖްވާނަށް ފާހަގަކުރެވުނެވެ. އެއީ ރާހުތާއި، ހޫނުފެނާއި، ލޮނުފެނެވެ. އޭގެ ތެރެއިން ވެސް ނަޖްވާން އެންމެ ގަޔާވީ ލޮނުފެނެވެ.

ލޮނުފެން ތައްޔާރުކޮށް، ފަނަރަ ސަތޭކަ އެމްއެލްގެ ފުރަތަމަ ފުޅި ހިފައިގެން ގަސްތަކުގެ ތެރެއަށް ނަޖްވާން ވަނެވެ. ގަސްބުޑަށް ފުޅި އޮއްސައިލުމަށް ފަހު ދެވަނަ ފުޅި ބަލައި ދިޔައެވެ. ދެން ތިންވަނަ ފުޅިއެވެ. ހަތަރުވަނަ ފުޅިއެވެ. ގަޑިތައް ބަހައިލައިގެން، ކަޅިމަތިބަލަމުން، ހިތްފުރެންދެން ނަޖްވާން އެ ކަމެއް ކުރިއެވެ. ވަރަށް ހުޝިޔާރުކަމާއެކުގައި، ގަސްތަކަށް ވެސް ސިއްރުންނެވެ. އެކަކަށް ވެސް ޝައްކު ނުވާނެކަމުގެ ސަތޭކަ ޕަސަންޓު ޔަގީންކަން ނަޖްވާނަށް އޮތެވެ.

"ހަމަ ހަންރެޑް ޕަސަންޓު ގެރެންޓީ!" ސިއްރުސިއްރުން ޔަހްނާ ބުންޏެވެ. "އަހަރެންގެ މި ލޮލުން ބެލީ!"

ކެއްކުމުގެ މަސައްކަތް ކުރިޔަށްދިޔަ އިރު ޔަހްނާ ހުރީ ފިޔާމީރުކުރާށެވެ. ނަދީމާ ހުރީ މަސްކޮށާށެވެ. ބަދިގެއަކު އެހެން މީހަކު ނެތެވެ. އެ ވަރުން ވެސް ދެ މީހުން އިރުއިރުކޮޅާ ދޮރަށް ބެލިއެވެ. ދެކެވެމުންދިޔައީ އެހައި ވެސް ނުރައްކާތެރި ވާހަކައެކެވެ.

"ކޮންމެވެސް ގޯސްކަމެއް ކުރިހެން އަހަންނަށް ޝައްކުވަނީ،" ޔަހްނާ ބުންޏެވެ. "އެ މެޑަމް ދުވަހަކު ވެސް ގަސްތަކަށް ފެންނުދެނީނު. ގަސްތައް ކައިރިޔަށް ވެސް ނުދަނީ. ކޮޓަރިން ނުވެސް ނުކުންނަނީނު. ކާއެއްޗެހި ގެންދަނީމާ މެޑަމް ފެންނަނީ ވެސް. އަބަދު ފޯނު ކޮށްޓަން އޮންނަނީ."

ފާއިޒާ ބުނެގެން ގަހެއް އިންދަން ޔަހްނާ ތަންކޮޅެއް ދުރުގައި، ގަސްތަކުތެރޭގައި އިންދައި ނަޖްވާން ކުރި ކަންތައް ޔަހްނާއަށް ފެނުނީއެވެ. ނަޖްވާން ކުރީ ގޯސްކަމެއްހެން ޔަހްނާއަށް ހީވީ ނަޖްވާން އުޅުނު ގޮތުންނާއި، އެ ކަންކުރި ގޮތުންނާއި، ވަގުތުގެ ސަބަބުންނެވެ. ވަގުތަކީ މެންދުރުގެ އެންމެ ހޫނު ގަދަ ގަޑިއެވެ. އަބަދު ފިނި ކޮޓަރީގައި އޮންނަ މީހަކު، އެންމެ ހޫނު ގަދަ ގަޑީގައި ގަސްތަކުގެ ތެރެޔަށް ވަންނަންވީ ވެސް ކީއްކުރަންހެއްޔެވެ؟

"އެކަމަކު ނަޖޫދައްތަ ވެސް ގަސްތަކަށް ފެންދީފާނެއްނު،" ނަދީމާ ވަރަށް މަޑުމަޑުން ބުންޏެވެ. "އަހަންނަކަށް ހިޔެއްނުވޭ ގަސްތަކަށް ފަންޑިތަހަދާފާނެހެނެއް. ނޫންތަ؟"

"ފަންޑިތަ މީނިންގް ބްލެކް މެޖިކް؟ އޭ އަހަންނަށް ނޭނގޭ،" ކަންބޮޑުވެފައި ޔަހްނާ ބުންޏެވެ. "އެކަމަކު މެންދުރު ޓައިމް ކާކު ފެންދެނީ؟ އެ ތާ އޮންނަނީ ފެންޖަހާ ހޮޅީ. ދެން ފަހަރަކު ބޮޓްލްއެއް ހިފައިގެން އައިސް، ސިއްރުން ބަލަމުން ފެންޖަހަނީ ކީއްކުރަން؟ އަހަރެން ބިރުން ތުރުތުރުއަޅަނީ. ޓޮއިލެޓް ދެވެނީ. ބޮޑު މެޑަމް ކައިރީގަ ކަލޭ ބުނޭ!"

"ކަލޭ ބުނޭ! ކަލެޔަކަށްނު ފެނުނީ!" ނަދީމާ ވަގުތުން ބޮލުންނައްޓައިލިއެވެ. "އެއީ މެޑަމް އެންމެ ލޯބިވާ ރޯސް ގަސްތައް. އަހަރުމެން ފެންއެޅުން ވެސް މަނާކޮށްފައެއްނު އޮންނަނީ. ގަހާ ކައިރިވިޔަސް މެޑަމް ރުޅިއަންނާނެ. ކުރީ ދުވަހަކު މަ އެ ގަސްތަކަށް ބަލަން ހުއްޓާ ވެސް މެޑަމް ބުނަނީ އެސްފީނާ ޖެހިދާނޭ! މަ ބޭނުމެއް ނޫން ތީގެ ތެރެއަށް ވަންނާކަށް. މަވާ ސަލާން."

"ވައަލައިކުމް ސަލާން!" ފާއިޒާ ބުންޏެވެ. "ކޮބާ އެ ކުރި ރޯވެއްޖެތަ؟"

ހަވީރެއްގެ ވަގުތެވެ. ގޭގެ ބަގީޗާގެ އެކިއެކި ގަސްތަކަށް ބަލަމުން، މައުސޫމާޔާ ފޯނުން ވާހަކަދައްކަމުން ފާއިޒާ މަޑުމަޑުން ހިނގާފައި އައެވެ. މޫނުމަތިން ފާޅުވަމުންދިޔައީ އުފާވެރިކަމެވެ.

"ކޮން ތާކު؟ އެންމެ ކުރިއެއް ނޫން ހުރިހާ ކުރިއެއް ހިކި ހޯއްޔަށްވެގެން މަރުވެއްޖެ!" ފޫހިވެފައިވާ ރާގެއްގައި މައުސޫމާ ބުންޏެވެ. "ރޯވި ކުރި ވެސް، އެ ވަރުން އުޅެނިކޮށް މިހާރު ގުރުޑުވެއްޖެ! އަނެއްކާ ވެސް ދާންވީ ގަންނަން. އެކަމަކު ހަތަރު ސަތޭކަ ފަންސާހަށް ގަހެއް. ފާއިޒާގެ ގަސްތައް ރޯވި؟"

"ރޯވިހޭ؟ ކުރިތައް ނުކުމެ، ފަތްފަޅާ.. އަހަރެން އަބަދު ވެސް ބުނަމެއްނު! އަހަރެން އަތުން ގަހެއް މަރެއްނުވާނެ،" ފަހުރުވެރިކަމާ އެކުގައި ފާއިޒާ ބުންޏެވެ. "އެނގޭތަ؟ އެންމެ ނެހެދޭނޭ ބުނި ފިނިފެންމާ ގަހުގަ މާ ވެސް ނުކުމެއްޖެ! ހަމަ ރަނގަޅަށް. ވަރަށް ލޯބި. ފޮޓޯ ފޮނުވާނަން އިނގޭ! ކެތްތެރިވެބަލަ! މި ދަނީއޭ އެ ދިމާއަށް. މެޑަމް އެ ގަސް ބޭނުންފުޅުވެގެން އުޅުއްވާ ވަރުން ދަންނަވާފަ އޮންނާނީ ވެދުންކުރާނަމޭ! އަހަރުމެންނަށް ދެން އެ ކަހަލަ ޝަރަފެއްތާ ލިބޭނީ ދޯ؟"

ފާއިޒާ އެހެން ބުނެފައި، ނިކަން ބާރަށް ހީނގެންފައި، ފިނިފެންމާ ގަސްތަކާ ދިމާއަށް ބަލައިލި ގޮތަށް ގަނޑުވި ކަހަލައެވެ. މައުސޫމާ ދެން ދެއްކި އެއްވެސް ވާހަކައެއް ފާއިޒާއަކަށް ނީވެއެވެ. މިލައިމޯޅިވެފައިވާ ފިނިފެންމާ ގަހެކޭ ފާއިޒާގެ މޫނެކޭ ތަފާތެއް ނެތެވެ. ހިތުގެ ވިންދު ވެސް ހީވީ، އިރުކޮޅަކަށް ހުއްޓުނުހެންނެވެ.

"ފަހުން ގުޅާނަން އިނގޭ!" އެހެން ބުނުމާ އެކުގައި ފާއިޒާ ފޯނުކަނޑައިލިއެވެ. ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރާކަށް ފާއިޒާއަކަށް ފަސޭހައެއް ނުވިއެވެ. ހުރިހައި ފިނިފެންމާގަހެއް ހުރީ މިލައިމޯޅިވެ، ހޯއްޔަށް ވެފައެވެ. އެއްވެސް ދިރުމެއް ނެތެވެ. ފާއިޒާއަކީ ގަސްއިންދުމުގައި ދުވަސްތަކެއް ވެއަތުކޮށްފައިވާ މީހެކެވެ. ވަކި ގަސްތަކެއް އެކަނި، ގުދުރަތީ މަރަކުން އެ ގޮތަށް މަރުނުވާނެކަން ފާއިޒާއަށް ކަށަވަރެވެ. ކައިރިޔަށް ގޮސް ގަސްބުޑަށް ބަލައިލި އިރު، ފަސްގަނޑު ހުރީ ރަނގަޅަށެވެ. ވެލިގަނޑުން ވަސްބަލައިލި އިރު، ޝައްކުވާ ކަހަލަ އެއްވެސް ވަހެއް ނެތެވެ. ގަހުގައި ހިފައިލި އިރު ގަސް ބަލިކަށްޓެއް ނޫނެވެ. ފިނިފެންމާ ގަސް ނޫން އެހެން ގަހަކަށް އެއްވެސް ނުރަނގަޅު އަސަރެއް ކޮށްފައެއް ނެތެވެ.

"ޔަހްނާ!" އަޑުގައި ނެތްތަނަށް ފާއިޒާ ގޮވައިލިއެވެ. "ނަދީމާ!"

ކުޑަދޮރުގެ ނިވަލުގައި، ކޮޓަރިތެރޭގައި ހުރި ނަޖްވާން އޭރު ވެސް ހުރީ އެ މަންޒަރު ބަލާށެވެ. ހިތަށް ވެރިވެފައިވަނީ ފިނިކަމަކާއި ނުތަނަވަސްކަމެކެވެ. ޔަގީންކަމަކާއި ރުޅިވެރިކަމެކެވެ. ހިތަށްއެރިއެވެ. ހިތަށް ކޮޅުފައިން އެރީމައި ވާ ތަދު މި ފަހަރު ކަލެޔަށް އެނގޭނެއެވެ. ޔަހްނާއާއި ނަދީމާ ތެޅެމުންފޮޅެމުން އައެވެ. ރޮށިފިހަން ހުރި ޔަހްނާއަށް އާދެވުނީ ދޭފަތް ވެސް ހިފައިގެންނެވެ.

"ކާކު މި ތަނަށް ވަނީ؟" ވަރަށް ރުޅިއައިސްފައި ފާއިޒާ އެހިއެވެ.

"އަހަންނަކަށް ނޭނގެ ދައްތާ!" ނަދީމާ ވަގުތުން ބުންޏެވެ.

ޔަހްނާ އެކައްޗެއް ވެސް ނުބުނެއެވެ. އިސްޖަހާލައިގެން ހުރީއެވެ.

"ޔަހްނާ އާދެބަލަ!" ހިނގައިގަންނަމުން ފާއިޒާ ބުންޏެވެ.

ނަދީމާއަށް ދޭފަތް ދީފައި، ފާއިޒާ ފަހަތުން ޔަހްނާ ހިނގައިގަތެވެ. އޭނަ ހުރީ ރޮވޭ ވަރު ވެފައެވެ. ޔަހްނާ ގޮވައިގެން ފާއިޒާ ވަނީ ކޮޓަރިޔަށެވެ. ވަދެފައި ދޮރު ލެއްޕިއެވެ.

ރާއިދު ދޮރު ހުޅުވައިލާފައި ގެއަށް ވަނެވެ. އޭރު އެ ކަމެއް ހިނގިތާ އިރުގަނޑެއް ވެއްޖެއެވެ. ދިޔަ ގޮތަށް ރާއިދު ވަނީ މަންމަގެ ކޮޓަރިޔަށެވެ. ފާއިޒާ އެނދުގައި އިށީނދެގެން ބުދެއްހެން އިނެވެ.

"މަންމައަށް ހަމަ ޔަގީންތަ؟" ރާއިދު އެހިއެވެ.

"ދޮރުލައްޕާ!" ރާއިދަށް ބަލައި ވެސް ނުލައި ފާއިޒާ ބުންޏެވެ.

ރާއިދު ދޮރުލެއްޕިއެވެ. މަންމަ ކައިރީގައި އިށީނެވެ. ތެދުވިއެވެ. އަނެއްކާ ވެސް އިށީނެވެ. އިންނަންވީ ތަނެއް، ދާންވީ ދިމާއެއް ރާއިދަކަށް ނޭނގެއެވެ. މައްސަލަ އެހައި ވެސް ސީރިޔަސްއެވެ.

"އޭނަ ކޮށްފާނެ،" ބުދެއްހެން އިނދެ، ވަރަށް ޔަގީންކަމާ އެކުގައި ފާއިޒާ ބުންޏެވެ. "ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ. އެއީ ދަރިފުޅުގެ އަންހެނުން ނޫން ނަމަ، އަހަރެން ދެމީހުންކުރެ އެކަކު މިހާރު މި ގޭގަ ހުންނާނީ. އަނެކަކު ހުންނާނީ ޖަލުގަ."

މަންމަގެ ގޮތް ރާއިދަށް އެނގެއެވެ. އެހައި ފަސޭހައެއްކޮށް މަންމަ ރުޅިއެއް ނާންނާނެއެވެ. އަތުވެއްޖެއްޔާ، ބައްޕައަށް ވެސް އެ ރުޅި އޮންނަނީ މަޑުނުކުރެވިފައެވެ.

"އެކަމަކު މަންމާ!" ލޯތްބާއެކުގައި ރާއިދު ބުންޏެވެ. "ގެންގުޅޭ ބިދޭސީއަކު ބުނި ވާހަކައެއް، ނަޖޫ ކައިރީގަ އަހައި ވެސް ނުލާ މަންމަ ގަބޫލުކުރީމަ.. އަހަރެންނަކަށް ދެން ނޭނގެ ބުނާނެ އެއްޗެއް. ނަޖޫއަކީ މި ގޭ އެއްވެސް ކަމަކާ ބެހޭ މީހެއް ނޫން. މީހަކާ ވާހަކަދައްކާ މީހެއް ނޫން. ހަތަރުދަމު ކޮޓަރީގަ އެ އޮންނަނީ. އޭނަ ކީއްވެގެން މަންމަގެ ގަސްތަކެއް މަރާލަންވީ؟"

"އަހަރެން މަރާނުލެވޭނެތީ!" ފާއިޒާ ބުންޏެވެ. "ދެން ދަރިފުޅު ވީނު މަންމަ މަރާލަން."

"މަންމާ!" ރާއިދަށް ބުނެވުނެވެ.

"ކޮން މަންމާއެކޭ ކިޔާކަށް؟" ބޭރަށް އަޑުނީވޭ ވަރަށް ފާއިޒާ ބުންޏެވެ. "އޭނަ ނުކުރާނެ ކަންތައް ދަރިފުޅަށް އެބަ އެނގޭ! މަންމަ ދޮގުނަހަދާނެކަމެއް ނޭނގޭ! ދެން ކީކޭ އަހަރެން ބުނާނީ؟ ދުވަހަކު ވެސް ހިޔެއްނުކުރަން ދަރިފުޅު ތި ގޮތަށް މަންމައަށް ކަންތައްކުރާނެކަމަކަށް،" އެ ހިސާބުން ފާއިޒާގެ އަޑުބެދެން ފެށިއެވެ. "އެކަމަކު މި ދުވަސް ވެސް ދައްކަވައިފި!"

މަންމަ ހިތުގަޖެއްސުމަކީ ރާއިދު ދުވަހަކު ވެސް ކުރި ކަމެއް ނޫނެވެ. ކޮންމެ ގޮތަކުން ވެސް މަންމަ ރުއްސަން ރާއިދު ބޭނުމެވެ.

"ދެން މަންމަ ބުނޭ! އަހަރެން ކިހިނެއް ހަދަންވީ؟" ރާއިދު ސުވާލުކުރިއެވެ. "ނަޖޫ ގެނެސް މަންމަ ކުރިމަތީގަ ބަހައްޓާފަ އަހަންތަ؟"

ރާއިދާ ދިމާއަށް ފާއިޒާ ބަލައިލިއެވެ. ދަރިފުޅުގެ ހުރި ހިތްވަރެއް ބަލައިލާ ހިތްވިއެވެ.

"އަހަރެން މި ވާހަކަ އޭނަ ގާތުގަ ނޭހީ ވެސް، ތިހިރަ ދޮރު ލައްޕާށޭ ދެންމެ ބުނީ ވެސް، މިހާ މަޑުން މި ވާހަކަދައްކަނީ ވެސް ހަމަ އެންމެ ބޭނުމަކު،" ފާއިޒާ ބުންޏެވެ. "މަންމަ ދެނަހުރިކަމަށް ނެހެދީމަ މައްސަލަ ހައްލުވާނެއްނު! އެހެންވެގެން. އިހަށްދުވަހަކު ކުރި ކައިވެންޏެއް މިހާ އަވަހަށް ރޫޅުނީމަ މީހުން ވަރަށް މަލާމާތްކުރާނެ ދަރިފުޅާ! އެކަމަކު ދަރިފުޅު ބޭނުމިއްޔާ ގެނޭ އޭނަ. ގެނެސް އަހާ! މަންމައަށް މައްސަލައެއް ނެތް. އޭނަ އެއްބަސްނުވެއްޖެއްޔާ، އެ ހިސާބުން މައްސަލަ ހައްލުވީނު! އެކަމަކު... އެކަމަކު، އެއްބަސްވެއްޖެއްޔާ.. އޭނަ ޖެހޭނެ މާފަށްއެދެން. ދަރިފުޅަށް ކުރެވޭނެތަ އެ ކަން؟"

ރާއިދު ހިތަށްއެރިއެވެ. ނަޖްވާން ނުކުރާ ކުށަކަށް އޭނަ އެއްބަހެއް ނުވާނެއެވެ. ވީމާ، މާފަށްއެދޭކަށް ވެސް ނުޖެހޭނެއެވެ. ނަޖްވާން ކިހައި މާސޫމުކަން މަންމައަށް ދައްކާނަމެވެ. ވަގުތުން ފޯނު ނަގައިފައި ނަޖްވާނަށް ގުޅައިލިއެވެ.

"އާދެބަލަ މަންމަ ކޮޓަރިއަށް،" ފޯނުނެގުމުން ރާއިދު ބުންޏެވެ. "ހަމަ މިހާރު އިނގޭ!"

ނުނިމޭ