ފޭސް 2 ގެ ބީޗު ސަރަހައްދުގެ ހަޓުތައް ބަދަލުކުރަން ތަނެއް ދައްކައިފި
ފޭސް 2 ގެ ބީޗު ސަރަހައްދުގެ ހަޓުތައް ބަދަލުކުރަން ތަނެއް ދައްކައިފި

ހުޅުމާލެ 2 ގެ ބީޗު ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ޖަހާފައިވާ ހަޓުތައް ނަގަން އެންގުމަށް ފަހު، އެ ތަަންތަން ބަދަލު ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިމެއް ހަމަޖައްސައިދީފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ރުއްގަނޑު 3ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި މި މަހުގެ ނިޔަލަށް ބަދަލުކުރަން އެންގީ އެ ބިމުގެ އިމުގެ ތެރެއިން ހުސްކޮށް އޮތް ސަރަހައްދަށް ކަމަށެވެ.

އެ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ހަޓްތައް ބަދަލުކުރަނީ އެ ތަން އިތުރަށް ތަރައްގީކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށް ނަމަވެސް، މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީ އާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެހެންކަމުން އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރަން އެޗްޑީސީން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެ ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވީހާ ވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށާއި އަދި މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ބައެއް މީހުން، އެ މީހުންގެ ޓަވަރުތަކުގެ ތިރީގައި ހަޓު ހަދައިގެން ކުރިން ވެސް ހެދިކާ ވިއްކުމުގެ ވިޔަފާރިކުރި އެވެެ. އެކަމަކު އޭރު އެ ސަރަހައްދު ތަރައްގީ ކުރުމަށް އެ ތަންތަން ނެގުމުން ފަހު، ބީޗު ކައިރީގައި ހަޓު ޖަހައިގެން އެ ވިޔަފާރި ފެށީ އެވެ.