16 މެއި 2024 - 11:34

ކޮމަންވެލްތުގެ ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ކައުންސިލް (ސިވިކް) ގެ އޮފީހެއް ރާއްޖޭގައި ގާއިމުކުރަން ނިންމައި އެ ޖަމިއްޔާއިން ރާއްޖެ އަށް ކަނޑައަޅާ ޗެއާއަކަށް ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް އައްޔަނުކުރަން ނިންމައިފި އެވެ.
ރާއްޖޭގައި ގާއިމުކުރާ އޮފީސް މެދުވެރިކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓާއި ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް މަސައްކަތްކޮށް، ބޭރުގެ އެކި އިންވެސްޓްރުންނަށް ސަރުކާރާއި ދިވެހި ވިޔަފާރިތައް ތައާރަފްކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރާނެ ކަމަށް ސިވިކް އިން ބުންޏެވެ.
އެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރައްވާނީ، ސިވިކް އިން ބުނި ގޮތުގައި ކަންޓްރީ ޗެއާގެ ހައިސިއްޔަތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރު ޖަނާހް އެވެ.
ސިވިކް އިން އިތުރަށް ބުނީ، ކޮމަންވެލްތުގެ 56 މެމްބަރު ގައުމުގައި ހުރި ތަފާތު ވިޔަފާރި އާއި އިންވެސްޓްމަންޓްތަކުގެ ފުރުސަތުތައް ހޯދުމަށް ހަބް އޮފީހުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ރާއްޖޭގެ ވިޔަފާރިތަކަށް، އާ ހަބް އޮފީސް މެދުވެރިކޮށް، ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ މަގު ފަހިވާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުންޏެވެ.