21 ފެބުރުއަރީ 2017 - 12:02

މެންޗެސްޓާ (ފެބްރުއަރީ 21) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭގެ މެޗަށް ނުކުންނައިރު މޮނާކޯ ރަނގަޅު ފޯމެއްގައި އޮތުމަކީ އެ ޓީމާ ދެކޮޅަށް ކުޅެން މެންޗެސްޓާ ސިޓީން ބިރުގަންނަންވީ ސަބަބެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ ކޯޗުކޮށްދިން ކްލަބްތައް ވަނީ ފާއިތުވި ހަތް ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ބާސެލޯނާ އަށް 1992 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުުން ގާޑިއޯލާ ވަނީ ކޯޗެއްގެ ގޮތުގައި 2009 އާއި 2011 ވަނަ އަހަރު އެ ޓީމަށް ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ.
މޮނާކޯ ވަނީ މި ސީޒަނުގައި ވެސް އިންގްލެންޑުގެ ޓޮޓެންހަމްގެ މައްޗަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ކުރި ހޯދައިފަ އެވެ. ފްރެންޗް ލީގުގެ އެއް ވަނައިގައި މޮނާކޯ އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ.
ގާޑިއޯލާ ބުނީ މޮނާކޯއާ ދެކޮޅަށް ކުޅޭއިރު ސަމާލުވާންޖެހޭ ކަންތައްތައް ހުރުމަކީ އެ ޓީމާ ދެކޮޅަށް ކުޅެން ޖެހިލުންވާންވީ ސަބަބެއް ނޫން ކަމަށެވެ.
"މޮނާކޯ އަކީ މުޅި ޔޫރަޕަށް ބެެލިޔަސް އެންމެ ފޯމު ރަނގަޅަށް އޮތް އެއް ޓީމު. އެ ޓީމުގެ ރެކޯޑްތަކަށް ބެލުމުން އެކަން އެނގޭ. އަހަންނަކީ ކުޅުންތެރިޔެއްގެ އިތުރުން ކޯޗިން ކެރިއަރުގައި ވެސް ފޯމުގައި އޮތް ޓީމުތަކާ ދެކޮޅަށް ކުޅެފައިވާ މީހެއް. މި ހާލަތުގައި ކުޅެންވީ ގޮތް ކުޅުންތެރިންނަށް ބުނެދޭނަން،" ގާޑިއޯލާ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ގާޑިއޯލާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފޯމު ދަށްވުމެވެ. އަގުއޭރޯ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ލަނޑެއް ޖެހިފައިނުވެ އެވެ.
"ލަނޑު ޖަހާ ކުޅުންތެރިޔެއް އެއް މެޗެއް ދެ މެޗެއް ލަނޑެއް ނުޖަހާ ދިއުން އެއީ މީޑިއާ އަށް މައްސަލައެއް. އަހަންނަށް މިކަމުގައި ކަންބޮޑުވުމެއް ނެތް. އެއީ އަގުއޭރޯ ކޮންފިޑެންސާ އެކު ކުޅެން ފަށައިފިނަމަ އޭނާގެ ފަރާތުން ގިނަ ލަނޑުތަކެއް ފެންނާނެ،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ކުޅުންތެރިން މިރޭ އެންމެ ސަމާލުވާނެ އެއް ކުޅުންތެރިޔަކީ މޮނާކޯގެ ފޯވާޑް ރަޑަމެލް ފަލްކާއޯ އެވެ. މި ސީޒަނުގައި ފަލްކާއޯ އަންނަނީ އޭނާ ކުރިން ދެއްކި މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ.
މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑީމް ބުނީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގައި ފަލްކާއޯގެ ފެންވަރުގައި ނުކުޅެވުނީ އެ ކްލަބްތަކުގައި ވެސް މައްސަލަ ހުރުމުން ކަމަށެވެ.
"އަހަރެން ފަލްކާއޯގެ ބޭނުން ހިފަނީ އެހެން ކޯޗުންނާ ތަފާތުކޮށް. އަހަރެންގެ އިތުބާރު އޭނާ އަށް އަބަދުވެސް އޮވޭ. ފަލްކާއޯ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއް. ހުނަރަކީ ގެއްލޭ އެއްޗެއް ނޫން. ހުނަރުގެ ބޭނުން ކުރާނެ ގޮތް ހޯދަން ޖެހޭނީ،" ޖާޑީމް ބުންޏެވެ.
މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އަށް ނުކުޅެވޭނެ އެވެ. ސިޓީ ދަނޑުގައި މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.