15 މެއި 2024 - 11:20

ޖަޕާނުގެ ޔުނިވާސިޓީތަކުގައި ތިން ދާއިރާއަކުން ކިޔަވަން ދިވެހިންނަށް ސްކޮލާޝިޕްތަކަކަށް ހުޅުވާލައިފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޖަޕާނު ސަރުކާރުގެ ފަރާތުން ހަރަދުކޮށްގެން "ޖަޕަނީޒް ގަވަމެންޓް ސްކޮލާޝިޕް ފޯ 2025" ގައި ޖަޕާނުގެ ޔުނިވާސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިފައިވާ ކަމަށް އެ ގައުމުގެ އެމްބަސީން އަންގާފައިވާ ކަމަށެވެ.
އެ ސްކޮލާޝިޕަށް ދަރިވަރުން ހޮވުމަށް އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަވިއު ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ކަމަށައި ޓެސްޓް އަދި އިންޓަވިއު ބާއްވާނީ އެމްބަސީގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
1. ރިސާޗް ސްޓޫޑެންޓްސް (ކޯހަށް އެދުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 27)
2. ސްޕެޝަލައިޒް ޓްރެއިނިންގް ކޮލެޖް ސްޓޫޑެންޓްސް (ކޯހަށް އެދުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 3)
3. ކޮލެޖް އޮފް ޓެކްނޮލަޖީ ސްޓޫޑެންޓްސް (ކޯހަށް އެދުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 3)
ކޯސްތަކާ ބެހޭ އިތުރު މައުލޫމާތާއި އެޕްލިކޭޝަން ހުށަހަޅަންވީ ގޮތުގެ މައުލޫމާތު ކޯހަށް އެދޭ އޮންލައިން ފޯމާއެކު ލިބޭނެ އެވެ.
ރާއްޖެއަށް ވަނީ ޕާކިސްތާނާއި ޗައިނާގައި ކިޔެވުމަށް ވެސް ސްކޮލާޝިޕްތަކެއް ލިބިފަ އެވެ. ޕާކިސްތާކުގައި ކިޔަވަން 10 ދާއިރާއަކަށް ސްކޮލަޝިޕަށް އެދުމަށް ހުޅުވާލާފައި ވާއިރު ޗައިނާގައި މާސްޓާސް އަށް ކިޔަވަން ދިވެހިންނަށް 200 ސްކޮލާޝިޕް ވަނީ ދީފަ އެވެ.