ޣައްޒާ ޝަހީދުންގެ 56 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިން: އދ.
ޣައްޒާ ޝަހީދުންގެ 56 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިން: އދ.

އިޒްރޭލުން ހަމާސް ނައްތާލުމުގެ ނަމުގައި ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ.އިން ބުނެފި އެވެ.

އދ. އިން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ 56 ޕަސަންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކަށް ނުވަދެވޭތީ، މަރުވާ މީހުންގެ ތަފާސްހިސާބުތައް އދ.އިން ވެސް ހޯދަނީ ހަމާސްގެ ދަށުގައި އޮންނަ ފަލަސްތީނުގެ ހެލްތު މިނިސްޓްރީންނެވެ.

އެއާ އެކު، އިޒްރޭލުން ވަނީ ޓެރަރިސްޓު ޖަމާއަތަކުން ދޭ މައުލޫމާތުގެ މައްޗަށް އދ.އިން ވާހަކަ ދައްކާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ރައްދުގައި އދ.އިން ބުނީ، ވީވަރަކުން ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ކަށަވަރުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހާ ހަމައަށް މަރުވި 35،000 މީހުންގެ ތެރެއިން 25،000 މީހުންނަކީ ކޮބައިކަން ޝައްކެއް ނެތް މިންވަރަށް ދެނެގަނެވިފައިވާ ކަމަށެވެ.

އޭގެތެރެއިން، ގާތްގަނޑަކަށް 40 ޕަސަންޓަކީ ފިރިހެނުން ކަމަށާއި، 20 ޕަސަންޓު އަންހެނުން އަދި 32 ޕަސަންޓަކީ ކުޑަކުދިން ކަމަށް ބުންޏެވެ.

އެ އަދަދުތަކާ މެދު އިޒްރޭލުން ސުވާލު އުފެއްދިޔަސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ އެ ހިސާބުތަކުގައި މާ ބޮޑު ގޯހެއް ނެތް ކަމަށް ބުނެފަ އެވެ.

އިޒްރޭލުން މިހާރު ދަނީ ފަލަސްތީނުގެ ދޮޅު މިލިއަނެއްހާ މީހުން ހިމާޔަތް ހޯދަމުން އަންނަ ޣައްޒާގެ ރަފަހް ސިޓީއަށް އަރައިގަތުމުގެ އޮޕަރޭޝަން ފުޅާކުރަމުންނެވެ.

ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ވެސް ހުއްޓުމެއްނެތި ހަމަލާތައް ބަދަލުކުރަމުންދާއިރު، އިޒްރޭލުގެ ޓޭންކުތައް ވަނީ ރަފަހްގެ ތެރެއަށް ވަދެގެންފަ އެވެ.

ރަފަހް އަށް އަރައިނުގަތުމަށް، އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިޔާ އެމެރިކާއިން ވެސް ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އަދި ރަފަހް އަށް ވަދެގެންފިނަމަ، އިޒްރޭލަށް ހަތިޔާރު ދިނުން ހުއްޓާލައިނެ ކަމުގެ އިންޒާރު ވެސް އެމެރިކާ އިން ވަނީ ދީފަ އެވެ.

އެކަމަކު "އެކަނިވިޔަސް" ހަމާސް ނައްތާނުލައި މި ހަނގުރާމަ ހުއްޓައިނުލާނެ ކަމަށް އިޒްރޭލުން ދަނީ ބުނަމުންނެވެ. --އޭއެފްޕީ