ބިންގަރާސް
ބިންގަރާސް

އާދިއްތަ ދުވަހާ ގުޅޭ

"ކީއްވެ ރޭގަ ރުއީ؟" ބޭނުންވި ދަނޑިވަޅު ލިބުމުން ރާއިދު އެހިއެވެ.

ދިފްލާ ކުއްލިއަކަށް ހުއްޓުނެވެ. އެއީ ގަސްތުގައި ކުރި ކަމެއް ނޫނެވެ. ދިފްލާ ރުއީ އެކަކަށް ވެސް ނާންގައެވެ. ފަހުން ވެސް، އެއްވެސް މީހެއް ގާތަކު ދިފްލާ އެ ވާހަކައެއް ނުބުނެއެވެ. ނުވެސް ބުނާނެއެވެ. ވީމާ، އެންމެ ނޭނގެންވާ މީހާއަށް އެ ކަން އެނގުނީ ކީއްވެގެންބާއޭ ދިފްލާ ހިތަށްއެރިއެވެ.

"ކާކު ރުއީ؟" ވަރަށް ނޭނގިފައި، ހައިރާންވެފައި ދިފްލާ އެހިއެވެ.

"ދިފްލާ!" ރާއިދު ބުންޏެވެ.

"ކޮން އިރަކު؟" ދިފްލާ ސުވާލުކުރިއެވެ.

"ރޭގަ." ރާއިދު ޖަވާބުދިނެވެ.

ދިފްލާ ވަގުތުން ފޯނު ނެގިއެވެ. ރާއިދު ވެސް ރާއިދުގެ ފޯނު ނެގިއެވެ. ދިފްލާއަށް ފޯނު ދައްކައިލިއެވެ. އޭރު އަމިއްލަ ފޯނުން ދިފްލާއަށް ވެސް އެ ކަން ސާބިތުކުރެވިއްޖެއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ދިފްލާއަށް ހުރެވުނީއެވެ. ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ.

"އަހަރެން ބުނަންތަ ވީ ގޮތް؟" ރާއިދު އެހެން ބުނުމުން ދިފްލާގެ ފައިން ވާގިނުދިޔައީ ކިރިޔާއެވެ. "ދިފްލާއަށް މަންމަ ގުޅާފަ އެއްޗެހިކިއީ. ނަޖޫގެ ވެޑިން ޑްރެސް ފެނުނީމަ މަންމައަށް ވީ ގޮތް އަދިވެސް އަހަރެން ހަނދާން އެބަހުއްޓޭ!"

ފައިން ވާގިދޫވެގެން އެ ތަނަށް ވެއްޓުމުގެ ކުރިން ދިފްލާއަށް ހަމަނޭވައެއްލެވުނެވެ. ކޮޅަށްހުންނާނެ ހަކަތަލިބުނެވެ. އެކަމަކު، ދިފްލާ ފެހި ހެދުން ކަމުނުގޮސްގެން އެކަކު ވެސް ނުގުޅައެވެ. ނުވާކަމެއް ވީކަމަކަށް ހަދާކަށް ދިފްލާ ބޭނުމެއް ނޫނެވެ. އަނެއްކޮޅުން، އެކަކު ވެސް ނުގުޅައޭ ބުނެފިއްޔާ އެހެން ސަބަބެއް ދިފްލާ ދައްކަންޖެހޭނެއެވެ.

"މިހާރު ވިސްނިއްޖެ ވީ ގޮތް،" ރާއިދު ބުންޏެވެ. "ދިފްލާއަށް ނޭނގި އަހަންނަށް ގުޅުނީ. އާނއެކޭ ބުނޭ!"

ދިފްލާ އިސްޖަހާލައިގެން ހުއްޓެވެ. ރާއިދު ބެލީ އެއީ އެއްބަސްވުމެއްކަމުގައެވެ.

"ކާކު ގުޅީ؟" ރާއިދު ހިތްހަމަނުޖެހިފައި އެހިއެވެ. "އަހަރެން މަންމަތަ ގުޅީ؟ ދިފްލާ ނުބުނެފިއްޔާ އަހަރެން ދެން މަންމަ ކައިރީގަ އަހާނީ. ނަޖޫ މަންމައަށް ވެސް ގުޅާނަން. އެއީ ސޮރީ ބުނާ ވަރުގެ ކަމެއް."

"އަޅެ ނާހައްޗޭ!" ދިފްލާ އެދުނެވެ. "އެކަކު ކައިރީގަ ވެސް ނާހާތި! އަހައިފިއްޔާ ހީކުރާނީ އަހަރެން ރާއިދަށް ގުޅައިގެން ކުޓުވިއްޔޭ! ހައްތަހާ ފަނިވާނީ. ސްޓްޕިޑްކަމެއްގަ ފެމެލީ ތެރޭގަ މައްސަލަޖެހުނަ ނުދީބަލަ! ބުނޭ ނާހާނަމޭ! ޕްލީޒް!"

"ތީ ހަމަ އަޖައިބެއް ކަހަލަ ކުއްޖެއް،" ފުންނޭވައެއް ބޭރުކޮށްލައިފައި ރާއިދު ބުންޏެވެ. "އަބަދު ވެސް ބަލާނީ މަސްލަހަތަށް. ތިމާ ވަރިހަމަ ހަފުސްވިޔަސް. އެންމެންގެ މައްސަލަ ތަބަކެއްގަ އަތުރައިގެން، އެ ހިފައިގެން އަބަދު އުޅެވޭތަ؟"

ޔަހްނާ ތަބަކުގައި އެތައް ގޮތަކަށް ތަށިތައް އެތުރިއެވެ. އެކަމަކު، ނާސްތާއަށް ހުރި ސާމާނުތައް ގިނަކަމުން، އެއްފަހަރުން ހުރިހައި ތަށްޓެއް އުފުލޭނެކަމާ މެދު ޔަހްނާއަށް ޝައްކެވެ. އެ މަންޒަރުބަލަން ސޯފާގައި އިން ފާއިޒާގެ ބޮލަށްއުނދަގޫވިއެވެ.

"ސަރ މިއަދު އޮފީހަށް ނުދަނީތަ؟" ފާއިޒާ އެހިއެވެ.

"ސަރ ނެތީ! މެޑަމް ބުނީ ރޫމަށް ގެންނާށޯ!" ޔަހްނާ ބުންޏެވެ.

"އެއްފަހަރުން ނުގެންދެވެނީ ދޯ؟" ފާއިޒާ ބުންޏެވެ. "ގެންގޮސް ބަހައްޓާފަ އާދޭ! މެޑަމް ކިހިނެއްވީ؟ ބަލީތަ؟"

"އަހަންނަށް ނޭނގޭ!" ޔަހްނާ ބުންޏެވެ.

"ހޫނ! އަވަހަށް ގެންދޭ!" ފޫހިވެގެން ބުނާ ކަހަލަ ރާގެއްގައި ފާއިޒާ ބުންޏެވެ. "ލަސްވެއްޖެއްޔާ ކޯފާވާނެ."

އެ ވަގުތު ނަސީމު ކޮޓަރިން ނުކުތެވެ. ފާއިޒާ ދެއްކި ވާހަކަ ނަސީމަށް އަޑުއިވުނެވެ.

"ކާކު ކޯފާވަނީ؟" ނަސީމު އެހިއެވެ.

"އަހަންނަކަށް ނޭނގެ!" ފަސްބައި މޮހުނު ހެދުން ސޯފާޔަށް ޖަހަމުން ފާއިޒާ ބުންޏެވެ. "ހެނދުނު ސައި ކޮޓަރިއަށް. މެންދުރު ކެއުން ކޮޓަރިއަށް. ރޭގަނޑު ކެއުން ކޮޓަރިއަށް. އޭނަގެ ފައިންޕުޅު ނުފެނި ސައުވީސް ގަޑިއިރު އެބަ ހޭދަވޭ! ކޮޓަރިޔާ ކާމޭޒާ ދޭތެރޭ އެންމެ ހައެއްކަ ފިޔަވަޅު ދޯ އަޅަން މި ޖެހެނީ. އަހަރެން ހިތަށްއަރާ އަބަދު ކޮޓަރީގަ އޮންނަން އޭނަ ފޫއްސެއްނުވޭބާއޭ؟"

ފޯނަށް ބަލަމުން ނަސީމު އައިސް ސޯފާގައި އިށީނެވެ.

"ތަންކޮޅެއް މަޑުން،" ނަސޭހަތުގެ ރާގުގައި ނަސީމު އެދުނެވެ. "އޭނަ އުޅޭ ގޮތަކަށް އޭނަ އުޅެފާނެއްނު! އަހަރުމެންނަށް ކީއް؟ އަހަރެން ކުރިން ބުނި ވާހަކަ އަޑުއެހި ނަމަ މިހެނެއް ނުވީސް. ކޮބާ ކަންފަތް ކިހިނެއް މިހާރު؟ އަދި ވެސް ރިއްސާތަ؟ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓެއް ހަދަމާ؟"

"ކަންފަތް ވެސް ދައްކަންވީ. ދަތްކޮޅު ވެސް ނަގަންވީ،" އާންމުކޮށް ވާހަކަދައްކާ ބާރުމިނުގައި ފާއިޒާ ބުންޏެވެ. "އޭރުން ފަހުން ފައިބާކަށް ނުހުންނާނެއްނު! ނަސީމަށް އެނގޭތަ؟ އެ ވެޑިންޑްރެސްގަނޑު ނުބާލާ އޭނަ އުޅުނޭ ދެ ދުވަސް ވަންދެން. ދެ ދުވަސް. ނިދަނީ ވެސް އޭގަ. ކޮޓަރިޔަށް ނުވަނެއްކަމަކު އަހަރެން ވާނުވާ ބަލަމޭ! އެހާ ކަންނެތްވާކަށް ނުވާނެ ދޯ؟"

ނަސީމު ހަތަރެސްފައިގެ އިޝާރާތުން، އަޑުމަޑުކުރަން ފާއިޒާއަށް އެންގިއެވެ. އެހެނަސް ފާއިޒާއަކަށް އެއިން އަސަރެއްކުރާ ތަނެއް ނުފެނެއެވެ.

"އަޅާނުލާބަލަ!" ވަރަށް މަޑުމަޑުން ނަސީމު ބުންޏެވެ. "ނުފެންނަކަމަށް ހަދާ! އަހަރެން ވެސް މި އުޅެނީނު!"

"ތީ ގޭގަ އުޅޭ މީހެއްތަ؟" ފާއިޒާ ބުންޏެވެ. "އެނގޭތަ؟ މިހާރު އެންމެ ދުވަހަކު ވެސް ރާއިދަކަށް ގަޑިނުޖެހި އޮފީހަކަށް ނުދެވޭ! އޭނަ ގެއަށް ވަދެއްޖެއްޔާ ދެނެއް ކޮޓަރިއަކުން ނުނިކުމެވޭނެ. އަދި އެބަ ނުކުމޭ ކާން. އަހަންނަށް ހީވަނީ ދުވަސްކޮޅަކުން އޭނަ އޮފީހުން ކެނޑޭނެހެން."

ކެނޑުނު އިނގިލީގައި ބޭސްމަލަން އަޅަން ވިސްނައިލި އިރު، މަލަން ހުރީ ކޮން ތަނެއްގައިކަމެއް ނަޖްވާނަކަށް ނޭނގުނެވެ. ގެންގުޅުނު އަފުނޯސްކަށި ކުނިވަށިގަނޑަށް ލައިފައި، ބޮޑުވައިއިނގިލީގައި ޝަހާދަތްއިނގިލި ޖައްސައިލައިގެން އިނދެ ރާއިދަށް ފޯނުކުރިއެވެ.

"އިނގިލި ކަނޑައިގެންގޮސްގެން ވަރަށް ބޮޑަށް އެބަ ބްލީޑްވޭ!" މިނަށް ވުރެ ބޮޑުކޮށްލައިފައި ނަޖްވާން ބުންޏެވެ. "ކޮން ތާކު ބޭސްމަލަން ހުންނާނީ؟"

"ކިހިނެއް އިނގިލި ކަނޑައިގެންދިޔައީ؟" އޮފީހުގައި އިން ރާއިދު ސުވާލުކުރިއެވެ.

"ނޭނގެ އަހަންނަކަށް ވެސް،" ތަދުވެގެން ބުނާ ކަހަލަ ރާގެއްގައި ނަޖްވާން ބުންޏެވެ. "ހާދަ ތަދެއްވެޔޭ! އަޅެ އާދެބަލަ!"

އުނދޯލީގައި އިން ފާއިޒާއަށް ޔަހްނާއާއި ނަދީމާ ކޮޅުކޮޅުމައްޗަށް ދުވާ ތަން ފެނުނެވެ. އެ ދެ ކުދިންނަކީ ވެސް ގޭގައި ގެންގުޅޭ ކުދިންނެވެ. ބިދޭސީ ކުއްޖާއަށް ފާއިޒާ ގޮވައިލުމުން އޭނާ އައެވެ.

"ކިހިނެއްވެގެން ތި އުޅެނީ؟" ފާއިޒާ އެހިއެވެ.

"ސަރ ބުނީ މެޑަމްއަށް ބޭންޑްއެއިޑް ދޭށޭ!" ބޭސްމަލަންކޮޅެއް ހިފައިގެން ހުރި ޔަހްނާ ބުންޏެވެ. "ވަރަށް ބައިވަރު ލޭއަންނަނީ."

"އޭނ؟" ހައިރާންވެފައި ތެދުވަމުން ފާއިޒާ ބުންޏެވެ. "ތި ދީބަލަ!"

ބޭސްމަލަންކޮޅު ހިފައިގެން، ދެ ފަޔަށް ބާރުލައިފައި ފާއިޒާ ގޮސް ރާއިދުގެ ކޮޓަރިއަށް ވަނެވެ. އެއީ ނަޖްވާން ބޭނުންވި ގޮތެއް ނޫނެވެ. ނަޖްވާން އޭރު ވެސް އިނީ ނިދާހެދުމުގައެވެ. ކުރުކުރު ޓީޝާޓަކާއި ކުރު ސޯޓެއްގައެވެ. އަތުގައި ފޯނު އޮތެވެ.

"ތެދެއް ނަޖްވާން؟" ފާއިޒާ އެހިއެވެ. "ކޮން ތާކުން ލޭއަންނަނީ؟ ދައްކަބަލަ އަހަންނަށް."

ނަޖްވާން އިނގިލި ދެއްކިއެވެ. އިނގިލީގައި ލޭގެ އަސަރެއް، ހަލާކުވެފައިހުރި ތަނެއް ވެސް ފެންނާކަށް ނެތެވެ.

"ހަމަ ދެންމެ އެ ސްޓޮޕްވީ!" ނަޖްވާން ބުންޏެވެ.

ފާއިޒާ ވީ އަމަށަކު ފޫއްސެއް ނޫނެވެ. އެހެންނަމަވެސް، މޫނުމައްޗަކުން އެ ކަމެއް ނުދައްކައެވެ. ނިކަން ލޯބިން ނަޖްވާން އިނގިލީގައި ބޭސްމަލަން އަޅައިދެނިކޮށް ރާއިދު ތެޅެމުންފޮޅެމުން ކޮޓަރިއަށް ވަނެވެ.

"އަހަނ! ދަރިފުޅު ކީއްކުރަން ތި އައީ؟" ފާއިޒާ އެހިއެވެ.

އެ ސުވާލަކަށް ރާއިދު ޖަވާބެއް ނުދެއެވެ. އައި ގޮަތަށް އައިސް އެނދުގައި އިށީނދެފައި ނަޖްވާން ގައިގައި ފިރުމަން ފެށިއެވެ.

"މިހާރު ކިހިނެއް؟" ރާއިދު އެހިއެވެ. "ބޭސްމަލަން ލިބިއްޖެ؟ ހޮސްޕިޓަލަށް ދާން ބޭނުން؟ ސައިކުގަ ދެވޭނެތަ؟"

"ލެޔެއް ނެތޭ ދަރިފުޅާ!" ކުޑަކޮށް ހިތްހަމަނުޖެހިފައި ފާއިޒާ ބުންޏެވެ. "ދޭ އޮފީހަށް."

ރާއިދު ތެދުވި ވަގުތު ރާއިދުގެ އަތުގައި ނަޖްވާން ހިފޭއްޓިއެވެ. ބެލޭނެ އެންމެ ހިތްދަތި ބެލުމުން ރާއިދަށް ބަލައިލިއެވެ. ފާއިޒާއަށް ފެނުނީ ރާއިދުގެ އަތުގައި ނަޖްވާން ހިފޭއްޓި ތަނެއް ނޫނެވެ. ފާއިޒާ ކުރި އަމުރަކަށް ހުރަސްއެޅި ތަނެވެ. ގޮންޖެހި ތަނެވެ. އެ ކަމާ ދެކޮޅަށް ތެދުވަން ފާއިޒާގެ ހުރިހައި ހިއްސެއް އެއްފަހަރާ މަސައްކަތްކުރި ކަހަލައެވެ.

"ކީއްވެފަ ތި ހުންނަނީ ދަރިފުޅާ؟" ފާއިޒާ ސުވާލުކުރިއެވެ. "މަންމައެއްނު މި ބުނީ ދާށޭ!"

ދާށޭ މި ބުނީ އަހަރެންނޭ ވެސް ފާއިޒާއަށް ބުނެވުނީހެވެ. "މަންމަ" އެ ލަފުޒު ފާއިޒާ ބޭނުންކުރީ ހައްގާއި ނުފޫޒު އިތުރުކުރުމުގެ ބޭނުމުގައެވެ. ނަޖްވާން ބޭނުންކުރީ ލޮލެވެ. އަސަރާއި ޖަޒުބާތެވެ.

"ދަރިފުޅާ!" ފާއިޒާ އަނެއްކާ ވެސް ގޮވައިލިއެވެ.

އެއް ސިކުންތު ތެރޭގައި ރާއިދު އެއް ހާސް ނަންބަރު ޖަހައި ހިސާބުހަދައިލިއެވެ. ތިލަފަތުގެ އެއްކޮޅަށް އިޝްގީ ލޯބި، އަނެއްކޮޅަށް މައިވަންތަ ލޯބި ލައި ކިރައިލިއެވެ. މައިމީހާއާއި އަނބިމީހާއަށް ބަލައިލިއެވެ. ދެ އަންހެނުންކުރެ އެކަކު ވެސް ތިބީ ދޫ ދޭ ގޮތަކަށް ނޫނެވެ. ކޮންމެ މީހެއްގެ ވެސް ހިތުގައި އޮތީ، ނާކާމިޔާބުވެއްޖެ ނަމަ ދެން ކަންތައްކުރާނެ ގޮތުގެ ދިގު ލިސްޓެކެވެ. ރާއިދު މަޑުމަޑުން އަތް ދަމައިގަތެވެ. ނަޖްވާނަކަށް ގަބޫލެއް ނުކުރެވުނެވެ. ބަލައިލެވުނީ ފާއިޒާއަށެވެ. ފާއިޒާގެ މޫނުމަތިން ފާޅުވީ ފަހުރުވެރިކަމެވެ.

"ސީރިޔަސްއެއް ނޫނެއްނު!" ރާއިދު ބުންޏެވެ. "މީޓިންއެއްގަ އިނދެފަ މި އައީ. ނިންމާލާފަ އަންނާނަން އޯކޭ!"

ނަޖްވާން އެއްޗެއް ބުނަންދެން ވެސް މަޑުނުކޮށް ރާއިދު ނުކުމެގެން ދިޔައެވެ. ފާއިޒާ ވެސް ނުކުމެގެން ދިޔައީއެވެ. ނަޖްވާންގެ ހިތުވިންދު އޭރު ވެސް ތިރިނުވެއެވެ. ހީވީ ބޮޑު ހަނގުރާމައަކުން ބަލިވިހެންނެވެ. ރޭހަކުން ނާކާމިޔާބުވިހެންނެވެ. ވަގުތުން ފޯނު ނަގައިފައި ރާއިދަށް ގުޅިއެވެ. ރާއިދު ފޯނެއް ނުނެގިއެވެ. ނެގި ނަމަ، ތާރީހުގައި ނަޖްވާން އެ ދުވަސް ލިޔުނީހީ ތަފާތު ގޮތަކަށެވެ.

ތަފާތު ހަތް ވައްތަރުގެ ފިނިފެންމާ ބަގީޗާގައި ހުއްޓެވެ. އޭގެ ތެރެއިން އެއް ވައްތަރަކީ ރާއްޖޭގައި އާންމުކޮށް ހެދޭ ވައްތަރެއް ވެސް ނޫނެވެ. އެއީ ފާއިޒާ އެންމެ ލޯބިވާ ގަހެވެ. ބައެއް ގަސްތަކުގައި ހުރީ މާ ނުކުންނަން ތައްޔާރުވެފައެވެ. ނަޖްވާންގެ ކޮޓަރީގެ އެއްފަރާތު ކުޑަދޮރު ހުޅުވެނީ ފިނިފެންމާ ގަސްތަކާ ދިމާއަށެވެ. މެންދުރުފަހުގެ ވަގުތެވެ. ގަސްތަކަށް ބަލަހައްޓައިގެން ނަޖްވާން ހުރި އިރު، ނަޖްވާންގެ ހިތުގައި ލެއްވި ކަހަލަ ލަކުނެއް ފާއިޒާގެ ހިތުގައި ވެސް ލެއްވޭނެ ގޮތެއް ރާވައި ނިންމައިލިއެވެ.

ނުނިމޭ