14 މެއި 2024 - 21:40

މައްސަލަތަކުން ފުނިޖެހިފައިވާ ރާއްޖޭގެ ފުޓުބޯޅަ ޖަމިއްޔާ، އެފްއޭއެމާ މެދު ފީފާ އާއި އޭއެފްސީން ވަކި ގޮތެއް ނިންމާނެ ކަމަށް، އެ ދެ ޖަމިއްޔާ އިން ރާއްޖެ އަށް ފޮނުވި ވަފުދުގެ ބޭފުޅުންނާ ހަވާލާ ދެއްވައި، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭއެފްސީ އާއި ފީފާގެ މަންދޫބުން ހިމެނޭ ވަފުދެއް މިދިޔަ މަހު ރާއްޖެ އަށް ދަތުރުކޮށް، ފުޓްބޯޅައިގެ އިދާރީ ހިއްސާދާރުންނާ ބައްދަލުކުރި އެވެ. އޭގެ ތެރޭގައި ސްޕޯޓްސް ކޮމިޝަނަރު ތޮލާލާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވެސް ހިމެނިވަޑައިގެންނެވި އެވެ. ދެން ބައްދަލުކުރީ އެފްއޭއެމާއި އެ އެސޯސިއޭޝަންގެ ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތަކާއި އޮލިމްޕިކް ކޮމިޓީއާ އެވެ.
ސްޕޯޓްސް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން، ދިވެހިރާއްޖޭގެ އަޑުގެ ކޮންފަރެންސް ރޫމުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތޮލާލް ވިދާޅުވީ އެފްއޭއެމާ ބެހޭގޮތުން ހިއްސާ ކުރަން ޖެހޭ މައުލޫމާތުތައް އޭނާ ފީފާގެ ވަފުދާ ހިއްސާ ކުރެއްވި ކަމަށެވެ.
"ހަމަ އެ ގޮތަށް އަޅުގަނޑުމެންނަށް ވެސް އެބޭފުޅުން [ފީފާގެ ވަފުދު] ގެ ފަރާތުން މައުލޫމާތުތަކެއް ލިބިގެން ދިޔަ،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފްއޭއެމާ މެދު ސަރުކާރަކުން ވަކި ގޮތެއް ނުނިންމާނެ ކަމަށެވެ. ފީފާ އާއި އޭއެފްސީން ނިންމި ގޮތަކަށް ސަރުކާރުން އެފްއޭއެމާ އެކު ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
"ފީފާ އާއި އޭއެފްސީން އެ މައްސަލަތައް ބައްލަވަމުން ގެންދަވާތީ އަދި އެ ބޭފުޅުންގެ ޑިސިޝަންއެއް ވަރަށް އަވަހަށް އަޅުގަނޑުމެންނާ ހަމައަށް ހިއްސާ ކޮށްދެއްވާ ނެކަމަށް ވިދާޅުވެފައި ވާތީ އަޅުގަނޑުމެން އިތުރަކަށެއް އެފްއޭއެމްގެ ކަންކަން ކުރިއަކަށް ނުގެންދަން،" ތޮލާލް ވިދާޅުވި އެވެ.
"އެ ބޭފުޅުން އެ ނިންމާ ކޮންމެ ގޮތަކާ މެދު ކަމެއްގެ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑުމެން ދޭނެ ވާހަކަ ފީފާ އާއި އޭއެފްސން މިކޮޅަށް ވަޑައިގެންނެވި ވަފުދަށް އެ ޔަގީންކަން ދީފައި އަޅުގަނޑުމެން އޮންނާނީ ވެސް."