މާލޭގެ ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް އިތުރު ވަގުތު ދީފި
މާލޭގެ ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް އިތުރު ވަގުތު ދީފި

މާލޭގެ ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް އިތުރު ފުރުސަތެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން ކުރި އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުގެ ސްކޫލްތަކަށް އަލަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ދެ ދުވަހަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެއީ މާދަމާ އިން ފެށިގެން 16 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށެވެ.

- ސަރުކާރު ސްކޫލެއްގެ ފައުންޑޭޝަން ސްޓޭޖުގެ ކުލާހަކަށް ވައްދަން ބޭނުންވާ ދަރިވަރުން

- ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން

- ޕްރައިވެޓު ސްކޫލަކުން ސަރުކާރު ސްކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުން

- ރާއްޖެއިން ބޭރުގެ ގައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސްކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުން

މި މަހު 26ގައި ފަށާ ދިރާސީ އާ އަހަރު ރަށްރަށުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން މިހާތަނަށް 967 އަށް ދަރިވަރުން ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މި އަހަރުގެ ގްރޭޑް 1 އަށް ވަނުމަށް ޖުމްލަ 2،163 ފޯމް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 1،192 ފޯމު މާލެ ސަރަހައްދުން ހުށަހެޅި އިރު، 171 ފޯމް ހުށަހެޅީ އެކި ރަށްރަށުންނެވެ.

މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން އެދި 1،158 ފޯމް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 967 ފޯމް ހުށަހަޅާފައި ވަނީ އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާށެވެ.