އިންޑިއާގައި އުސޫލު ހަރުކަށި ކުރުމުން ސިމް ހޯދަން އުނދަގޫވެއްޖެ
އިންޑިއާގައި އުސޫލު ހަރުކަށި ކުރުމުން ސިމް ހޯދަން އުނދަގޫވެއްޖެ

އިންޑިއާގައި ސްކޭމްތައް އިތުރުވާތީ، އެ ގައުމަށް ދަތުރުކުރާ މީހުންނަށް މޮބައިލް ސިމް ދޫކުރުމުގެ އުސޫލު ހަރުކަށި ކުރުމުން ދިވެހިންނަށް ވެސް ސިމް ހޯދަން އުނދަގޫވެއްޖެ އެވެ.

އިންޑިއާގެ ސަރުކާރުން މިދިޔަ މާޗް މަހުގެ 1 އިން ފެށިގެން އަމަލު ކުރަން ފެށި އުސޫލުގައިވާ ގޮތުން، މޮބައިލް ސިމް ދެން ދޫކުރާނީ އެ ގައުމަށް ދާ މީހުންގެ ވިސާ އަށް ބެލުމަށް ފަހު، ވިސާގެ މުއްދަތަށެވެ. ވިސާގެ މުއްދަތު ހަމަވުމުން އެ ސިމް ބޭނުމެއް ނުކުރެވޭނެ އެވެ.

މި އުސޫލާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް މޮބައިލް ސިމް ހޯދަން ވަނީ އުނދަގޫވެފަ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ހާއްސަ އެއްބަސްވުމެއްގެ ދަށުން ދިވެހިންނަށް އެ ގައުމުން އޮން-އެރައިވަލް ވިސާ ދޫކުރެ އެވެ. ދިވެހިންގެ ޕާސްޕޯޓްގައި އިންޑިއާގެ އިމިގްރޭޝަނުން އެތެރެވާ ތާރީހު ޖެހުމަށް ފަހު، އިތުރު ވިސާ ސްޓޭންޕެއް ދުލެއް ނުކުރެ އެވެ.

ޕާސްޕޯޓްގައި އިމިގްރޭޝަނުން ޖަހައިދޭ އޮން-އެރައިވަލް ވިސާ އަށް މޮބައިލް ސިމް ދޫނުކުރެވޭނެ ކަމަށް އެ ގައުމުގެ ސިމް ދޫކުރާ ފަރާތްތަކުން ބުނަމުންދާ ކަމަށް އިންޑިއާ އަށް ދަތުރުކުރި ބައެއް ދިވެހިން ކިޔައިދިނެވެ. މިކަން މިފަހުން އިންޑިއާ އަށް ދަތުރުކުރި ގިނަ ދިވެހިން ވަނީ ތަޖުރިބާކޮށްފަ އެވެ.

"އެއްގޮތަކަށް ވެސް ސިމެއް ލިބޭ ގޮތެއް ނުވޭ. އެއް ފިހާރަ އިން އަނެއް ފިހާރަ އަށް މި ދަނީ ސިމް ހޯދަން. އެކަމަކު ބުނަނީ މި ވިސާ އަށް ސިމެއް ނުދެވޭނެ ކަމަށް،" އިންޑިއާގައި ހުރި ދިވެއްސަކު ބުންޏެވެ.

އޮން-އެރައިވަލް ވިސާއަށް ސިމް ދޫނުކުރެވޭނެ ކަމަށް އެ ފަރާތްތަކުން ބުނަނީ އިންޑިއާގެ ސަރުކާރުގެ އާ އުސޫލަށް އަމަލު ނުކުރެވޭނެތީ އެވެ. ސަރުކާރުން އަންގާފައިވަނީ ކޮންމެ ސިމެއް ދޫކުރުމުގެ ކުރިން އެ ސިމެއް ދޫކުރާ މީހެއްގެ ބަޔޯމެޓްރިކްސް ނެގުމަށެވެ.

އިންޑިއާގެ ސަރުކާރުގެ އެ ނިންމުމާ އެކު، އިންޑިއާއާ ގުޅިގެން ނޭޕާލް އަދި ބޫޓާނުން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ހައްލުތަކެއް ހޯދައިދީފަ އެވެ. އެއީ އިންޑިއާ އަށް ދަތުރުކުރާ އެ ދެ ގައުމުގެ ރައްޔިތުންނަށް އިސްތިސްނާ އުސޫލެއްގެ ދަށުން ސިމް ލިބޭނެ ގޮތް ހަދައި ދީގެންނެވެ.