ގަދަ ވައިގައި ދިއްދޫ ރޯހައުސްތަކެއްގެ ފުރާޅު އެއްލާލައިފި
ގަދަ ވައިގައި ދިއްދޫ ރޯހައުސްތަކެއްގެ ފުރާޅު އެއްލާލައިފި

ހއ. ދިއްދު އަށް ރޭ ކުރި ވިއްސާރައިގައި ފްލެޓުތަކަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.

ގަދަ ވައިގައި ދިއްދޫ ރޯހައުސްތަކެއްގެ ފުރާޅު އެއްލާލައިފި
ގަދަ ވައިގައި ދިއްދޫ ރޯހައުސްތަކެއްގެ ފުރާޅު އެއްލާލައިފި

އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މިއަދު ވިދާޅުވީ ބޯކޮށް ވާރޭވެހި، ގުގުރައި ރޭ ފަތިހު 4:00 ހާއިރު އައި ރޯޅިއެއްގައި މީހުން ދިރިއުޅޭ ހަ ރޯ ހައުސްއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ.

އެހެންވެ، ކަމާ ގުޅޭ ފަރާތްތަކާ އެކު، އެ ގެތަކުގައި ވަގުތީ ގޮތުން ޓިނު ޖަހައި، މި ވަގުތަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ފުރާޅު އެއްލައިލުމުން ގޭގައި ހުރި ބައެއް ފަރުނީޗަރުތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. އެކަން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަށް އަންގައި، އެ ހުރިހާ ތަނަކަށް ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

ރޯ ހައުސްތަކުގެ އިތުރުން، އެހެން ތަންތަނަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

"މި ވަގުތަށް ދިރިއުޅެވޭ ވަރަށް، ކުރިން ބޭނުންކޮށްފައި ހުރި ވަގުތީ ޓިނު މި ހަރުކުރަނީ. އެކަމަކު، ދާއިމީ ހައްލެއް ލިބޭނީ ރަނގަޅު ޓިނު ހަރުކޮށްގެން،" ދިއްދޫ ކައުންސިލުން ބުންޏެވެ.