އިމާރާތްތަކުން މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ތަންތަން މަރާމާތު ކުރަން އަންގަނީ
އިމާރާތްތަކުން މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ތަންތަން މަރާމާތު ކުރަން އަންގަނީ

މާލޭގެ އެކި ގޭގެ އިން ފެން ފައިބާ ގޮތަށް ހުރި ތަންތަން މަރާމާތު ކުރަން އިމާރާތްތަކުގެ ވެރިންނަށް މާލެ ސިޓީ ކައުންސިލުން އަންގަން ފަށައިފި އެވެ.

އިމާރާތްތަކުން މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ތަންތަން މަރާމާތު ކުރަން އަންގަނީ
އިމާރާތްތަކުން މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ތަންތަން މަރާމާތު ކުރަން އަންގަނީ

ގޭގޭގެ ފުރާޅުތަކުގައި ހަރުކޮށްފައި ހުންނަ ދިޔަދޮވިންނާއި މަގުމައްޗަށް ވާ ގޮތަށް ބަހައްޓާފައިވާ އޭސީ އައުޓް ޔުނިޓުތަކުން ފެން ފައިބާ މައްސަލަ ހައްލު ނުކުރެވި އެތައް ދުވަހެއް ވެފައިވާއިރު، މާލޭގެ މަގުމަތީގައި މިހާރު އެއީ އާންމު ކަމެކެވެ.

ނަމަވެސް ކައުންސިލުގެ ތަރުޖަމާނު އައިމިނަތު ޝަތުފާ "މިހާރު" އަށް ވިދާޅުވީ މިހާރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ކައުންސިލްގައި ރަޖިސްޓަރީ ކޮށްފައި ހުންނަ ގޭގެ ވެރިފަރާތަށް މި އަންގަނީ. ގޭގެ ވެރިފަރާތަށް ނުގުޅިއްޖެ ނަމަ ދެން އެ ފެން ފައިބާ އެޕާޓްމެންޓް ބެލުމަށް ފަހު، އެ ތަނުގައި ދިރިއުޅޭ މީހުންނާ ވާހަކަ ދައްކަނީ. އެ މީހުން ކައިރީ ބުނަނީ ގޭގެ ވެރިފަރާތަށް އެކަން އަންގަން،" އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ރަނގަޅު ކުރަން އަންގާ ކަންކަމުގެ ތެރޭގައި އޭސީ އައުޓް ޑޯ ޔުނިޓުން މަގުމައްޗަށް ފެން ފޭބުމާއި ގޭގޭގެ ޓެރެސް މަތިން މަގުމައްޗަށް ފައިބާ ފެން ނުފައިބާ ގޮތަށް ހެދުމާއި ހެދުންތައް ދޮވުމަށް ފަހު، މަގުމައްޗަށް ދޫކޮށްލާ ފެން މަގުމައްޗަށް ނޭޅޭ ގޮތަށް ހެދުން ހިމެނޭ ކަމަށް ޝަތުފާ ވިދާޅުވި އެވެ.

"މަގުތަކަށް ފެން އެޅޭ ގޮތަށް ހުރި ހުރިހާ ކަމެއް ރަނގަޅު ކުރަން އަންގާނެ. ހުރިހާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި 30 ތަނެއް މި މަހު ފާހަގަކޮށް، އެ ތަންތަން މަރާމާތުކޮށް، ރަނގަޅު ކުރުމަށް އަންގާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭގެ މަގުމައްޗަށް ފެން ފައިބާ ގޮތަށް ހުރި ތަންތަނުގެ މައްސަލަތަކުގެ ޝަކުވާ ބޮޑުވެ، އެ ތަންތަނުގެ މައްސަލަ ބަލަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ކުރިން ހުންނެވި ޝިފާ މުހައްމަދު 2019 ވަނަ އަހަރު ވެސް ވިދާޅުވި އެވެ. ނަމަވެސް ދައުރު ހަމަވެ އޭގެ ފަހުން އައި މޭޔަރު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރު ހަމަވެ އާ މޭޔަރު އާދަމް އާޒިމާ ހަވާލުވި އިރު ވެސް އޮތީ އެ މައްސަލަ އަށް ހައްލެއް ނުލިބި އެވެ.