14 މެއި 2024 - 09:08

އިންޑިއާގެ މުމްބާއީގައި ވައިގަދަވުމުގެ ސަބަބުން ވެއްޓުނު ބިލްބޯޑެއްގެ ދަށުވެ، މިހާތަނަށް 12 މީހަކު މަރުވެ، 60 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
ބިޔަ ބިލްބޯޑު ވެއްޓުނީ ގެތަކެއްގެ އިތުރުން އެ ތަނުގައި ޕެޓްރޯލް ސްޓޭޝަނެއްގެ މައްޗަށެވެ. ބިލްބޯޑުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ބިލްބޯޑުގެ ދަށުން ސަލާމަތް ކުރި 60 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެ ތަނުގައި ހުރި ޕެޓްރޯލް ޝެޑުގެ ސަބަބުން މަރުވި 12 މީހުންގެ ތެރެއިން، ހަތަރު މީހެއްގެ ހަށިގަނޑު ބިލްބޯޑުގެ ދަށުން އަދި ނެރެވޭ ގޮތް ވަނީ ނުވެފައި އެވެ.
މުމްބާއީ ފުލުހުން ބުނީ ވެއްޓުނީ ފުޅާމިނުގައި 70 އަދި ދިގުމިނުގައި 50 މީޓަރުގެ ބިލްބޯޑެއް ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މުމްބާއީ އަށް ގަދައަށް ވައިޖެހުމުގެ ސަބަބުން ގަސްތައް ވެއްޓި، ބައެއް ހިސާބުތަކުން ވަނީ ކަރަންޓު ވެސް ކެނޑިފައި އެވެ.
އެ ހާދިސާއާ ގުޅިގެން މުމްބާއީގެ މައި އެއާޕޯޓުގެ ފްލައިޓުތައް ވަނީ އެހެން ސިޓީތަކަށް ޑައިވާޓުކޮށްފަ އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން، ހައިލެވަލްގެ ތަހުގީގެއް ފަށާފައިވާ ކަމަށް އެ ސްޓޭޓުގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.