14 މެއި 2024 - 07:34

ނެޓްފްލިކްސް އިން މި މަހު ގެނެސްދިން އިންޑިއާގެ ސީރީޒް "ހީރާމަންޑީ"ގެ މުހިންމު ރޯލެއް ކުޅުނު އަދިތީ ރާއޯ ހައިދަރީ އަށް ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ލިބިއްޖެ އެވެ.
"ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރް" އަކީ އިންޑިއާ އާއި ޕާކިސްތާން ވަކިކުރުމުގެ ކުރިން، އެ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި އޮތް ހީރާމަންޑީ ކިޔާ އަވަށެއްގައި އޭރު އުޅުނު ޖާރިޔާއިންގެ ދިރިއުޅުމަށް ބިނާކޮށް، އިންޑިއާގެ ޑައިރެކްޓަރު، ސަންޖޭ ލީލާ ބަންސާލީ އުފެއްދި ސީރީޒެކެވެ. މި މަހު އެކެއްގައި މި ސީރީޒް ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށުމާ އެކު ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.
އެ ސީރީޒްގެ މުހިންމު ރޯލުތައް ކުޅުނީ ސޮނާޝްކީ ސިންހާ، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ޝާމިން ސީގަލް، ރިޗާ ޗައްޑާ އަދި ސަންޖީދާ ޝެއިހް އެވެ.
އޭގެ ތެރެއިން އަދިތީ އަށް ވަނީ ހާއްސަ ސަމާލުކަމެއް ލިބިފަ އެވެ. އޭނާގެ މޮޅު އެކްޓިން އާއި ރީތި ކަމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ. އަދި އެ ސީރީޒްގެ ލަވައެއް ކަމަށްވާ "ސައްޔާ ހަޓޯ ޖާއޯ"ގައި އޭނާ ނަށަމުން ޖެއްސި ބައެއް ސްޓެޕްތަކަށް ނުވަތަ ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ "ސްވޯން ވޯކް" ސްޓެޕް އަށް ގިނަ ބައެއްގެ ސަަމާލުކަން ވަނީ ލިބިފަ އެވެ.
"ހީރާމަންޑީ" އަށް ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު އަދިތީ މިހާރު ތައްޔާރުވަމުން އަންނަނީ މި މަހު ބާއްވާ މިއަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގެ ރެޑްކާޕެޓް އިވެންޓަށް ދިއުމަށެވެ.
އަދިތީގެ އިތުރުން މި ސީރީޒްގައި މުހިންމު ރޯލުތައް ކުޅުނު މަނީޝާ އާއި ރިޗާ އަދި ސަންޖީދާ އަށް ވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ. އަދި ޑައިރެކްޓަރު ބަންސާލީގެ މަސައްކަތް ވެސް ފާހަގަކޮށް، ތައުރީފު އޮއްސާލާފައިވެ އެވެ.
މި ސީރީޒްގައި ލަހޯރްގެ ޖާރިޔާއިންގެ ވާހަކަ ކިޔައިދޭއިރު، ލަހޯރް ސިޓީއަކީ މިހާރު ޕާކިސްތާނުގެ ތަނެކެވެ.