13 މެއި 2024 - 13:56

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޒަރީރަށް ރުހުން އޮތް ކަމަށް ފާސްކުރިއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.
ޒަރީރުގެ އިތުރުން މީރާއަށް އައްޔަން ކުރަން ދެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވަނީ އެ މަގާމުގައި މީގެ ކުރިން ހުންނެވި ޔަޒީދު މުހައްމަދުގެ ނަމެވެ. ނަމަވެސް، ޔަޒީދަށް ކޮމިޓީގެ ރުހުން ލިބިފައިނުވެ އެވެ.
ޓެކްސް ކޮމިޝަނަރަށް އައްޔަނުކުރި ޒަރީރާއި ޔަޒީދުގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު އޭރު ވެރިކަމުގައި އޮތް އެމްޑީޕީން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.
އެ އިސްލާހުގައި އޮތީ ބިލަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގައި ތިއްބެވި އެންމެ އިސް ދެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ވާނެ ކަމަށެވެ. އެކަމަކު އަލުން އެ ދެ މަގާމަށް ހުޅުވާލުމުން، އެ ދެ ބޭފުޅުން ވެސް އޭރު ކުރިމަތިލައްވާފައެއް ނުވެ އެވެ.