13 މެއި 2024 - 12:39

ޗައިނާގެ މަގުބޫލު މޮބައިލް އެޕް ވެއިޝިން ޕޭ (ވީޗެޓް ޕޭ) މެދުވެރިކޮށް ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓާމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ހިދުމަތް ތައާރަފްކޮށްފި އެވެ.
މި ހިދުމަތް ފަށާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީފްރީގައި ހިމެނޭ ވިޔަފާރިތަކުންނެވެ. މި ވިޔަފާރިތަކަށް މިހާރު މި އެޕުން ކިއުއާރު ޕޭމަންޓުތައް ދެއްކޭނެ އެވެ. މީގެ ކުރިން މި ހިދުމަތް ދެމުން ދިޔައީ ހަމައެކަނި ބީއެމްއެލްގެ ގޭޓްވޭ މެދުވެރިކޮށެވެ.
ބޭންކުގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީޗެޓް ޕޭ ބަލައިގަނޭވޭ އިންތިޒާމް ހަމަޖެއްސުމުން ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ އެއް ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށް ވެސް ފައިސާ ދެއްކޭނެ ގޮތް ފަހިވެފައިވާ ކަމަށެވެ. އަދި ބެންކުގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން ކަމަށާއި މި ހިދުމަތާ އެކު ކަސްޓަމަރުން ހިޔާރުކުރާ ގޮތަކަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި މާޗަންޓް ޕޭމަންޓް ސޮލިއުޝަން ފުޅާދާއިރާއެއްގައި ފޯރުކޮށްދީ، އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. މި ބެންކުން ދަނީ އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓާކާޑް، ޔޫނިއަން ޕޭ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ އިތުރުން ބީއެމްއެލް ޕޭ، އަލީ ޕޭ، އެޕަލް ޕޭ، އަދި ގޫގުލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ފައިސާ ބަލައިގަނޭވޭ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ޕީއޯއެސް ޓާމިނަލްގެ އިތުރުން ބޭންކުގެ މާޗަންޓް ޕޯޓަލް އަދި އެމްޕޮސް އެޕް މެދުވެރިކޮށް މާޗަންޓުންނަށް އޮންލައިންކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ފައިސާ ބަލައިގަނެވޭނެ އެވެ. އަދި މި ހިދުމަތް ބޭނުންކޮށްގެން ޕޭމަންޓް ރިކުއެސްޓް ފޮނުވާ، ފައިސާގެ މުއާމަލާތް ޗެކްކުރުމާއި އޮންލައިން ސްޓޯރުތައް މެނޭޖްކުރެވޭނެ އެވެ.