13 މެއި 2024 - 12:44

ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގާތްގަނޑަކަަށް ހަފުތާއެއްގެ ތެރޭގައި 2،500 އަށް ވުރެ ގިނަ މީހުންނަށް އާ ޕާސްޕޯޓު ދޫކޮށްފި އެވެ.

ހޯމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ފާތިމަތު ލަތީފާ ވިދާޅުވީ ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ވަރު އިތުރުވުމުން ޕާސްޕޯޓު ހޯދުމަށް އެދޭ މީހުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ.
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ހަފުތާގެ ނިޔަލަށް 2،581 މީހަކަށް ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޯލްޑިވްސް އިމިގްރޭޝަނުން އެދެނީ ރޭވިގެން ދަތުރުކުރައްވާ ފަރާތްތަކުން އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުނުކުރައްވައި ޕާސްޕޯޓް ހެއްދެވުމަށް އަދި ޕާސްޕޯޓްގެ މުއްދަތު ހަމަވާ ހަ މަސްދުވަސް ނެތް ކަމަށްވާ ނަމަ، އެކަން ފުރިހަމަކުރެއްވުމަށް،" އޭނާ ވިދާޅުވި އެވެ.
ކޮންމެ އަހަރަކު ވެސް ސްކޫލް ޗުއްޓީ ދުވަސްވަރާއި އީދު ބަންދުތަކުގައި އާ ޕާސްޕޯޓަށް އެދޭ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވެ އެވެ. އެއީ ޗުއްޓީ އަށް މިހާރު ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ވަރު އިތުރުވަމުން އަންނާތީ އެވެ.