13 މެއި 2024 - 09:29

އިންޑިއާގެ ބިޔަ އާންމު އިންތިހާބުގެ ތިން ވަނަ ފިޔަވަހީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބުކުރަން މީގެ ހަފުތާއެއް ކުރިން އިންތިހާބު ފަށާފައިވާއިރު، ވޯޓުލުން ޖޫން 1 އާ ހަމައަށް ކުރިއަށް ގެންދަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މިއަދު ފެށި ހަތަރު ވަނަ ފިޔަވަހީގައި 10 ސްޓޭޓް އަދި ޔޫނިއަން ޓެރިޓަރީތަކުގައި 93 ދާއިރާއެއްގެ މީހުން ވޯޓުލާނެ އެވެ.
އޭގެ ތެރޭގައި ޖަންމު ކަޝްމީރު ވެސް ހިމެނެ އެވެ. މިއީ ކަޝްމީރުގެ ހާއްސަ ދަރަޖަ އުވާލައި، އިދާރީ ހިންގުން ނިއު ދިއްލީގެ ދަށަށް ގެންދިޔަ ފަހުން ބާއްވާ ފުރަތަމަ އިންތިހާބެވެ. އޭގެ ސަބަބުން ވެރިކަންކުރާ ބީޖޭޕީ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މެދު ހިތްހަމަނުޖެހުން ބޮޑުކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން، މި ފަހަރު ބީޖޭޕީގެ ކެންޑިޑޭޓަކު އެ ސަރަހައްދަށް ވާދައެއް ވެސް ނުކުރެ އެވެ.
އިންތިހާބުގެ ފުރަތަމަ ތިން ފިޔަވަހީގައި ވޯޓުލާފައިވަނީ އޭޕްރީލް 19، އޭޕްރީލް 26 އަދި މެއި 7 ގަ އެވެ. ތިން ވަނަ ފިޔަވަހީގައި ވެސް ވޯޓުލާން ނުކުމެފައިވަނީ 61 ޕަސަންޓު މީހުން ކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. މިއީ އެންމެ ފަހުން 2019 ވަނަ އަހަރު އިންތިހާބާ އަޅާ ބަލާއިރު، ބޮޑު ދަށްވުމެކެވެ. ދުނިޔޭގެ އެންމެ ބިޔަ ޑިމޮކްރެޓިކް ހަރަކާތުގައި ގާތްގަނޑަކަށް 968 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އިންތިހާބުގެ ކުރިން މޯދީ ވަނީ މި ފަހަރު 400 ގޮނޑި ހޯދުމަށް އަމާޒު ހިއްޕަވައިފަ އެވެ. މިދިޔަ ފަހަރު ބީޖޭޕީން އިން ކާމިޔާބުކުރީ 303 ގޮނޑި އެވެ.
އެކަމަކު ވޯޓުލާން ތިބި މީހުން ޝައުގު ކުޑަކަމުން، ބީޖޭޕީން ބޭނުންވާ އަދަދަށް ގޮނޑި ނުލިބިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ލަފާކުރަމުންނެވެ.
ވޯޓުލާން ނުކުންނަ މީހުން މަދުކަމުން، ހިންދޫ މެޖޯރިޓީ މީހުން ވޯޓުލާން ނެރެން ބާރު އެޅުމަށް ބީޖޭޕީގެ ކެމްޕޭނުގެ މިސްރާބު ވެސް ވަނީ ބަދަލުކުރަން މަޖުބޫރު ވެފަ އެވެ.
މޯދީ ވަނީ ކެމްޕޭނުތަކުގައި ބޭނުންކުރައްވާ ބަސްމަގު، ހިންދޫން ރުއްސުމަށް މުސްލިމުންނާ ދެކޮޅަށް އަނބުރާލައްވައިފަ އެވެ.
ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، މުސްލިމުންގެ ހައްގުތަކަށް އަރައި އިންޑިއާ "ފަތަހަ" ކުރަން އުޅޭ ކަމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން "ވޯޓު ޖިހާދު" ކުރަން ރާވައި ކަމަށް ވެސް މޯދީ ވަނީ ކެމްޕޭން ތަގުރީރުތަކުގައި ތުހުމަތު ކުރައްވައިފަ އެވެ.
މިކަމަށް ހިންދޫން ސަމާލުނުވެއްޖެ ނަމަ މުޅި އިންޑިއާ މުސްލިމުންގެ އަތަށް ބީވެދާނެކަމުގެ އިންޒާރު ވެސް މޯދީ ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.