ސަލާމަތީ މުޝީރުގެ މަގާމަށް އާ ބޭފުޅަކު ޓްރަމްޕް ހަމަޖައްސަވައިފި
ސަލާމަތީ މުޝީރުގެ މަގާމަށް އާ ބޭފުޅަކު ޓްރަމްޕް ހަމަޖައްސަވައިފި

ވޮޝިންޓަން (ފެބްރުއަރީ 21) - ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ސަލާމަތީ މުޝީރުގެ މަގާމަށް އާ ބޭފުޅަކު ޓްރަމްޕް ހަމަޖައްސަވައިފި
ސަލާމަތީ މުޝީރުގެ މަގާމަށް އާ ބޭފުޅަކު ޓްރަމްޕް ހަމަޖައްސަވައިފި

ކުރިން އެ މަގާމަށް ހަމަޖެއްސި މައިކަލް ފްލައިން ވަނީ ތިން ހަފުތާ ތެރޭ މަގާމުން ދުރުކޮށްފަ އެވެ. އެއީ މަގާމާ ހަވާލުވުމުގެ ކުރިން ރަޝިޔާގެ އޮފިޝަލުންތަކަކާ އެކު ޑިޕްލޮމެޓިކް ވާހަކަތަކެއް ދައްކަވާފައިވާކަން ފަޅާ އެރުމާ ގުޅިގެންނެވެ. ފްލައިންގެ ބަދަލުގައި ވަގުތީ ގޮތުން އެ މަގާމަށް ހަމަޖެއްސި ކެއިތު ކެލޮގް މިހާރު ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ހަމަޖައްސައިފަ އެވެ.

ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމަށް އަލަށް ހަމަޖެއްސި އެމެރިކާ ސިފައިންގެ ލެފްޓިނެންޓް ޖެނެރަލް ހާބަޓް ރޭމަންޑް މެކްމާސްޓާ ވަނީ އިރާގާއި އަފްޣާނިސްތާނުގައި މަސައްކަތް ކުރައްވައިފަ އެވެ.

ފްލައިންގެ ބަދަލުގައި ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމަށް ފުރަތަމަ ހަމަޖެއްސި ވައިސް އެޑްމިރަލް ރޮބަޓް ހާވާޑް ވަނީ، އަމިއްލަ ސަބަބުތަކަށްޓަކައި، މަގާމާ ހަވާލުވުމަށް ދެކޮޅު ހައްދަވައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ މެކްމާސްޓާ އަކީ ހުނަވަރު، ވަރަށް ތަޖްރިބާކާރު އަދި ސިފައިންގެ ކޮންމެ މީހެއްގެ ވެސް އިހުތިރާމް ލިބިގެންވާ މީހެއް ކަމަށެވެ.

މެކްމާސްޓާ ވަނީ ޓައިމް މެގަޒިން އިން 2014 ވަނަ އަހަރު ހޮވި ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ހިމެނިފަ އެވެ. އޭނާ ވަނީ ނޯތު ކެރޮލިނާ ޔުނިވާސިޓީން އެމެރިކާގެ ތާރީޚާ ބެހޭ ގޮތުން ޕީއެޗްޑީ ނަންގަވައިފަ އެވެ.

ގައުމީ ސަލާމަތާ ބެހޭ މުޝީރަކީ އެމެރިކާ ސަރުކާރުގެ އެންމެ ސީނިއާ އެއް މަގާމެވެ. އޭނާގެ ރޯލަކީ ގައުމީ ސަލާމަތާ އަދި ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން ރައީސް އަށް ލަފާ ދިނުމެވެ. ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގައި ވެސް ގައުމީ ސަލާމަތާ ބެހޭ މުޝީރު ހިމެނެ އެވެ. މިއީ ސެނެޓުގެ ރުހުން ބޭނުންވާ މަގާމެއް ނޫނެވެ.